އައިކެއާއިން ލޮލުގެ ފެނުމާ ގުޅޭ އާރްޑީ ސާޖަރީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި

އެ ހޮސްޕިޓަލުގައި ސާޖަރި ހެދި ޓީމް ----

އައިކެއާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރެޓިނަލް ޑިޓެޗްމެންޓް (އާރްޑީ) ސާޖަރީ ހަދައި، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިއެވެ.

މިދިޔަ މަހު 19 ގައި އައިކެއާއިން އެ ސާޖަރީ ހެދީ ފެކޯއިމަލްސިފިކޭޝަން ކެޓަރެކްޓް ސާޖަރީއާ އެއްކޮށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެ ސާޖަރީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިކެއާ ހޮސްޕިޓަލްގެ ވިޓްރިއޯ ރެޓިނަލް އެންޑް ފެކޯ ސާޖަން ޑރ. މުޙައްމަދު އައްޒާމެވެ.

އާރްޑީ ސާޖަރީގައި އަމަލުކުރާ ގޮތަކީ ލޮލުގެ އެތެރޭގައި ހުންނަ ޖެލް ފަދަ މާއްދާއެއް ކަމަށްވާ ޕެތޮލޮޖިކަލް ވިޓްރިއަސް ހިއުމާ މުޅިން ނަގައި، ސިލިކަން އޮއިލްއާއި ޒަމާނީ އެންޑޯ ލޭޒާ ޓެކްނޮލޮޖީގެ އެހީގައި ރެޓިނާ އާންމު ހާލަތަށް ގެނައުމެވެ.

އައިކެއާއިން ބުނީ އެ ސާޖަރީ ހެދި ޕޭޝަންޓަކީ އެއް ލޮލުގެ ފެނުން ގެއްލުމާ ގުޅިގެން ހޮސްޕިޓަލަކަށް ދެއްކި 75 އަހަރުގެ އަންހެނެއް ކަމަށާއި އެ މީހާގެ ލޮލުގެ ހާލަތު ހުރި ގޮތުން، ކުރިން ދެއްކި ހޮސްޕިޓަލުން ލަފާ ދިނީ ވީހާ ވެސް އަވަހަކަށް އައިކެއާ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ލަފައެއް ހޯދުމަށް ކަމަށެވެ.

އެގޮތުން ޕޭޝަންޓުގެ ހޭންޑް މޫވްމަންޓް ވިޝަންއާއި ކެޓެރެކްޓްއާއި ސަބްޓޯޓަލް ރީގަމަޓޯޖެނަސް ރެޓިނަލް ޑިޓޭޗްމެންޓް ހުރިކަން ފާހަގަކުރެވުނީ އައިކެއާ ހޮސްޕިޓަލަށް ދެއްކުމުން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެ އިތުރުން، އެ ހޮސްޕިޓަލުން ބުނީ ޑރ. އައްޒާމްގެ ތަޖުރިބާއާއި ބެއްލެވުމުގެ ދަށުން އައިކެއާގެ ސާޖަރީ ޓީމުން ފެކޯއިމަލްސިފިކޭޝަން އެންޑް ފޯލްޑަބަލް ލެންސް އިމްޕްލާންޓޭޝަންއާއި ޓްރާންސް-ޕާސް ޕްލާނާ ވިޓްރެކްޓޮމީ، ފްލުއިޑް އެއާ އެކްސްޗޭންޖް، އެންޑޯ-ލޭޒާ ޓްރީޓްމެންޓް އަދި ސިލިކަން އޮއިލް އިންޖެކްޝަން ހަދާފައިވާ ކަމަށެވެ.

އޮޕަރޭޝަނަށް ފަހު، ޕޭޝަންޓުގެ ރެޓިނާ ވަނީ ސިލިކަން އޮއިލްއިން ރަނގަޅަށް ގުޅުވާފައިވާ ކަމަށާއި ސާޖަރީއަށް ފަހު ޕޭޝަންޓުގެ ލޮލުގެ ފެނުން ރަނގަޅުވާކަން ފާހަގަކުރެވޭ ކަމަށް އައިކެއާއިން ބުނެއެވެ. ސިލިކަން އޮއިލް ސާފުކުރާނީ ސާޖަރީއަށް ތިން މަސް ވުމުންނެވެ.

މިއީ ރާއްޖޭގައި މި ސާޖަރީ ކުރެވުނު ފުރަތަމަ ފަހަރުކަމުން، މިއީ މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. އެގޮތުން މިއީ އެޑްވާންސްޑް ވިޓްރިއޯ-ރެޓިނަލް އަދި އެ ނޫން ވެސް ލޮލުގެ ސާޖަރީތައް ރާއްޖޭގައި ހެދުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިތުރަށް އައިކެއާއިން ބުނީ ރެޓިނަލް ޑިޓެޗްމަންޓް ފަދަ ލޮލުގެ އެމާޖެންސީ ހާލަތްތަކަކީ ފަރުވާ ނުދީފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި މީހެއްގެ ފެނުން އެއްކޮށް ނެތިކޮށްލާނެ ފަދަ ހާލަތްތަކެއް ކަމަށެވެ. އެހެންވެ، މި ސާޖަރީ ރައްކާތެރިކަމާ އެކު ރާއްޖޭގައި ހެދޭ ގޮތްވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ރެޓިނަލް ޑިޓެޗްމެންޓް މައްސަލަ އާންމުކޮށް ދިމާވަނީ އުމުރުން ދުވަސްވުމުން އަންނަ ބަދަލުތަކާ އެކު ލޮލުގެ ރެޓިނާއަށް ކުދި ގެއްލުންތައްވެ، ފަރުވާ ނުދެވި ހުރުމުންނެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ގެއްލުމަށް މަގުފަހިވެއެވެ.

އެފަދަ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، ލޮލުގެ ޙާއްސަ ޑޮކްޓަރެއް މެދުވެރިކޮށް ގަވައިދުން ލޮލުގެ ދުޅަހެޔޮކަން ބަލައި، ބައްޔެއް ޖެހުމުގެ ނުރައްކާ އޮތް މިންވަރު އަންދާޒާ ކުރުމަށް ރިސްކް އެސެސްމެންޓް ހެދުން މުހިންމެވެ. އަދި، ރެޓިނާގެ މައްސަލައެއް ދިމާވުމުގެ ނުރައްކާ އޮތް މީހުން ރެޓިނާ ސްޕެޝަލިސްޓުންނަށް ގަވައިދުން ދެއްކުމަށް އައިކެއާއިން އިލްތިމާސްކުރެއެވެ.

އައިކެއާއިން ބުނީ އެ ހޮސްޕިޓަލްގެ މަގުސަދަކީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެގޮތުން، އެންމެ ފަހުގެ ސާޖިކަލް ޓެކްނިކްތަކާއި ސިއްހީ ތަޖުރިބާ މެދުވެރިކޮށް، ލޮލުގެ މައްސަލަތަކަށް ފަރުވާ ހޯދައިދިނުމަށް އެ ހޮސްޕިޓަލުން މަސައްކަތް ކުރަމުންގެންދާނެ ކަމަށް ބުނެއެވެ.

comment ކޮމެންޓް