ރޯދައަށް ތޮއްޑޫގެ ކަރާ ދަނޑުތައް ދޮންވެ ފައްކާވެފައި، ދުވާލަކު 10 ޓަނު ކަރާ ބާޒަރަށް ނެރޭނެ!

ތޮއްޑޫގެ ކަރާ ދަނޑެެއް: ރޯދަ މަހު ދުވާލަކަށް 10 ނުވަތަ 12 ޓަނު ކަރާ އެތެރެކުރެވޭނެ ކަމަށް އެރަށުން ބުނޭ ---ފޮޓޯ: ތޮއްޑޫ ދަނޑުވެރިން/ ޓުވިޓާ

ރޯދައަށް އއ. ތޮއްޑޫގެ ކަރާ ދަނޑުތައް ދޮންވެ، ފައްކާވެފައިވާ ކަމަށާއި ގިނަ އަދަދަކަށް ބާޒާރަށް ކަރާ ނެރެވޭނެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއަކަށް ކަރާ ހައްދާ, ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް 'ސަން'އަށް ވިދާޅުވި ގޮތުގައި، ރޯދަ މަހު ދުވާލަކަށް 10 ނުވަތަ 12 ޓަނު ކަރާ އެ ރަށުން މާލޭގެ ބާޒާރަށް ނެރެވޭނެއެވެ.

މޫސުން ގޯސްވެ، ކަރާ ދަނޑުތަކަށް ގެއްލުމެއް ނުވާނަމަ، ރޯދަ މަސް ނިމެންދެން މާލެއަށް ކަރާ އެތެރެކުރެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

އެހާ ގިނަ އަދަދަކަށް ކަރާ ނެރޭތީ އަގާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އާންމުކޮށް ފުރަތަމަ 10 ރޯދައިގައި 15 ނުވަތަ 16އަށް ކަރާ ކިލޯއެއް ވިއްކޭނެ ކަމަށެވެ. ނަމަވެސް، ވަކި ހިސާބަކުން އަގުތައް ވެއްޓޭނެ ކަމަށް އަލީ އާދަމް ލަފާކުރައްވައެވެ.

ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި: މާލެ އެތެރެކުރާ ތޮއްޑޫ ކަރައިން ހަމަ އަގު ނުލިބޭ ކަމުގެ ކަންބޮޑުވުން ތޮއްޑޫއިން ފާހަގަކުރެވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަސްލު މިހާރު ޚަރަދުގެ ހަމަ އަގަށް މި ވަނީ 20 ރުފިޔާއަށް ވުރެން ކަރާ އަގު ދަށްވެއްޖެއްޔާ އެއަށް އެކަށީގެންވާ އަގެއް ނުލިބޭ ކަމަށް ހަމަ މި ގަބޫލުކުރެވެނީ," އަލީ އާދަމް ވިދާޅުވިއެވެ.

ތޮއްޑޫ ކައުންސިލް މެންބަރު އަދި، ދަނޑުވެރިކަން ވެސް ކުރައްވާ އައިޝަތު ޖުނައިދާ 'ސަން'އަށް ވިދާޅުވީ، ކަރާ ދަނޑުތައް ހައްދާ ނިމި، ގިނަ އަދަދަކަށް ބާޒާރަށް ކަރާ ނެރެވޭނެ ކަމަށެވެ.

އެކަމަކު، ބޭރުން ކަރާ އެތެރެކޮށް ބާޒާރު ފުރާލާފައިވާ ކަމަށް ވިދާޅުވެ، ކަރައަށް ހަމަ އަގު ނުލިބޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

މާލެ ތެރެއިން އެއްގަމުން ގަންނަ މީހުންނަށް އަގުބޮޑުކޮށް ގަންނަން ލިބުނު ކަމަށް ވިޔަސް ދަނޑުވެރިން ވިއްކަން ޖެހެނީ ވަރަށް ދަށް އަގެއްގައި. އަށް ރުފިޔާއަށް. ތޮއްޑޫ ކައުންސިލް މެންބަރު އަދި، ދަނޑުވެރިކަން ވެސް ކުރައްވާ އައިޝަތު ޖުނައިދާ

އޭގެއިތުރަށް، ތޮއްޑޫގެ ދަނޑުވެރިންނަށް ކަރާގެ ހަމަ އަގު ނުލިބޭ ކަމަށާއި ބޭރުން އެތެރެކުރާ ކަރާ މަދުކޮށްގެން ނޫނީ ހަމަ އަގުނުލިބޭނެ ކަމަށް ޖުނައިނާ ވިދާޅުވިއެވެ. އަދި، އެ ރަށުގެ ދަނޑުވެރިންނަށް ކަރާ ވިއްކާނެ ވަކި ހިސާބެއް ލިބިގެން ނޫނީ ފައިދާއެއް ނުލިބޭނެ ކަމަށާއި ބުރަ މަސައްކަތް ކޮށްގެން ހައްދާ ކަރާގެ ފައިދާ ނަގަނީ އެހެން ބަޔެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/218031

ކަރައަށް ހަމަ އަގު ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކުރިއިރު، ބާޒާރުގައި އިއްޔެ 20 ރުފިޔާއަށް ވިއްކި ކަރާ ކިލޯއެއް މިއަދު ހުރީ 25 ރުފިޔާއަށް ބޮޑުވެފައެވެ.

ވިޔަފާރިވެރިން ބުނާގޮތުގައި މި ރޯދަ މަހު ވެސް ބައެއް ބާވަތްތަކުގެ އަގުތައް އުފުލުމަކީ ވަރަށް ގާތް ކަމެކެވެ.

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ, އަސާސީ ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި އެތަކެތި ވިއްކަމުން ގެންދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް