އެކްސިޑެންޓުވި ޒުވާނާގެ ހާލު ކްރިޓިކަލް، އޮތީ ވެންޓިލޭޓަރުގައި

ހުޅުމާލޭގެ މަގެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ފުރަތަމަ ފިޔަވަހީގައި ބާރު ސްޕީޑުގައި ދުއްވައިފައި ދަނިކޮށް، ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ކްރިޓިކަލްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ބޮލަށް ލިބިފައެވެ. އެހެންވެ އެ ޒަޚަމްތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އަދި އޮތީ ވެންޓިލޭޓަރުގައެވެ.

އެ އެކްސިޑެންޓު ހިގީ ހުޅުމާލެ ގުލްއަލާމާ ހިނގުމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކުރިމަތީ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ދަންވަރު 2:30 ހާއިރު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ކަމަށެވެ.

މި އެކްސިޑެންޓުގައި އޭނާ ދުއްވި ސައިކަލު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ހަމައެއާއެކު ވޭނަށް ވެސް ވަރަށް ބޮޑަށް އޮތީ ގެއްލުންވެފައެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓު ތަހުގީގުކުރަމުންނެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ މިފަދަ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް ވަަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މީގެކުރިން ވެސް ނުރައްކާތެރި ސްޕީޑުގައި ހައިވޭގައާއި ހުޅުމާލެ ތެރޭ ދުއްވައިގެން ހިނގި އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތަކެއް މީހުންނަށްވެ، ބައެއް މީހުން ދުނިޔެ ދޫކޮށްފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް