ފިލްމު އިންޑަސްޓްރީގައި ގިނަގުނަ ތަޖުރިބާތަކެއް ކޮށްފައިވާ ސަލްމާން ޚާނާއި އަކްޝޭ ކުމާރަކީ ލިބިފައިވާ ތަޖުރިބާތަކާ އެކު ވަރަށް ތަފާތު ދެ ވިސްނުމެއްގެ ދެ އެކްޓަރުން ކަމަށް ކެޓްރީނާ ކައިފް ބުނެފިއެވެ.
ފިލްމީ ޚަބަރު ގެނެސްދޭ މިޑް-ޑޭ ނޫހަށް ދިން އިންޓަވިއުއެއްގެ ތެރޭ ވާހަކަ ދައްކަމުން ކެޓްރީނާ ބުނީ، ސަލްމާން އަބަދު ވެސް ވިސްނާނީ އެވަގުތު ނަގާ ސީން މޮޅު ކުރުމަށްވުރެ ބޮޑަށް ފިލްމުގެ ހުރިހާ މަންޒަރެއްގެ ކޮލިޓީއާއި އުފެއްދުންތެރިކަމުގެ މައްޗަށް ކަމަށެވެ. އެހެންނަމަވެސް އެއާޚިލާފަށް އަކްޝޭ ކުމާރު އިސްކަންދޭނީ އެ ވަގުތު ނަގާ މަންޒަރެއް އެންމެ ފުރިހަމައަށް ގެނެސްދިނުމަށް ކަމަށް ކެޓްރީނާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
ކެޓްރީނާގެ ފިލްމީ ކެރިއަރު ފެށިތާ ކައިރީ އެންމެ ގިނައިން ބަތަލާ ފެނިފައިވަނީ ސަލްމާން ޚާން އަދި އަކްޝޭ ކުމާރާ އެކުއެވެ. އެހެންވެ، ދެ ތަރިންގެ މިޒާޖު ވެސް ކެޓްރީނާއަށް އެނގުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫންކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ސަލްމާނާއި އަކްޝޭއާ އެކު ކެޓްރީނާ ކުޅުނު ފިލްމުގެ އަދަދު ވެސް އެއްވަރުވުމުން އެއީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެގޮތުން ދެ އެކްޓަރުންނާ އެކު ވެސް މިހާތަނަށް މަސައްކަތް ކުރެވުނު ފިލްމުތަކުގެ ޖުމްލަ އަދަދަކީ އަށެއް ކަމަށް ކެޓްރީނާ ވަނީ ބުނެފައެވެ. އެހެން ފިލްމީ ތަރިންނެކޭ އެއްގޮތަށް ކެޓްރީނާގެ ވެސް ޝަކުވާ އަކީ އަކްޝޭ ކުމާރު ފިލްމު ސެޓުތަކަށް ދާން ކިޔާ ގަޑި އަވަސްވުމެވެ.
އަކްޝޭ އަކީ ފަތިހު ފަތިހާ ހޭލަން އާދަވެފައިވާ މީހެއް ކަމުން ކޮންމެ ފިލްމެއްގެ މަސައްކަތް ވެސް އޭނާ ފަށާނީ ފަތިހު ކަމަށާއި ނަމަވެސް ސަލްމާނާ އެކު މަސައްކަތް ކުރަން އެގޮތަށް ވަރަށް ފަސޭހަކަމަށް "ޓައިގާ ޒިންދާހޭ"ގެ ބަތަލާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ ކެޓްރީނާ ބުނެފައިވަނީ ބައެއް އެކްޓަރުންގެ ޝެޑިއުލްއާ ގުޅިގެން މިހާތަނަށް އޭނާގެ ދުވަހުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ވިސްނާފައިނުވާނެ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ކޯ-އެކްޓަރުންނާ އެކު ވީހާ ވެސް ފަސޭހަ ގޮތަކަށް މަސައްކަތްތައް ރާވާލުމަށް ކަމަށެވެ.
މިދިޔަ އަހަރު ފިލްމު "ޓައިގާ 3"އިން ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ބަތަލާ އެންމެ ފަހުން ފެނިފައިވަނީ މި އަހަރު ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "މެރީ ކްރިސްމަސް"އިންނެވެ.