ކުނި އެންދުމަށްފަހު ރިނބުދޫ ގޮނޑުދޮށަށް އަޅިތައް އެޅުމުން، ސާފު ކުރީ ފަތުރުވެރިން

ފަތުރުވެރިއަކު ރިނބުދޫ ގޮނޑުދޮށް ސާފު ކުރަނީ --

ދ. ރިނބުދޫގައި ކުނި އެންދުމަށް ފަހު ގޮނޑުދޮށަށް އަޅިތައް އެޅި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތި ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރިނބުދޫ ކައުންސިލްގެ ކުރީގެ ރައީސް ހާތިމް އިބްރާހީމް ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ރީތި ހުދު ގޮނޑުތައް ވަނީ އަޅިތަކުން ކަޅުވެފައެވެ. އެ އަޅިތައް ސާފުކުރަން ގޮނޑުދޮށް ސަރަހައްދުގައި ފަތުރުވެރިއަކު ހަރަކާތްތެރި ވެއެވެ. މި އަޅިތަކުގެ ތެރެއިން އަންދާފައިވާ ޕްލާސްޓިކު ފުޅި ފަދަ ތަކެތި ފެނެއެވެ.

މިކަމާ ގުޅިގެން ހާތިމް "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ރިނބުދޫ ކުނި ކެހުމާއި އެ ކުނި އެންދުމުގެ ކަންކަން ކުރަނީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކަމަށެވެ. އަދި އެމީހުން ކުނި އެންދުމަށް ފަހު އަޅިތައް ގިނަ ވުމުން، ރަށުގެ ވަލުތެރެ، ހޭޅި ފަށުގެ ގަސްތަކު ތެރެއަށާއި ގޮނޑުދޮށުގައި އޮންނަ ހުދު ވެލިތަކުގެ މައްޗަށް އެ އަޅިތައް އަޅާކަމަށް އޭނާ ވިދާޅުވިއެވެ.

ރިނބުދޫ ގޮނޑުދޮށަށް އަޅިތައް އަލާފަ--

ހާތިމް ވިދާޅުވި ގޮތުގައި މިކަން މިހެން ހިނގާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި ފަރުތުވެރިކަން ކުރިއަރަމުން އަންނަ އެ ރަށުގައި އެ މައްސަލަވަނީ ފަރުތުވެރިންގެ ސަމާލުކަމަށް ވެސް އައިސްފައެވެ.

"މީގެ ދެތިން ދުވަސް ކުރިން ތިބެފައި އެ ދިޔަ ޓުއަރިސްޓުން ވެސް އެ ވާހަކަ ދައްކާފައި އޮތީ ބީޗުގައި ކުނި އެގޮތަށް އޮވެގެން. އެމީހުންނަށް ވެސް އެނގޭ ލައްވާނެ ކުންޏާ ގަސްތުގައި މީހުން އަޅާފައި ހުންނަ އެއްޗެހި. އެމީހުން އަމިއްލައަށް ވެސް ބީޗު ސާފު ކުރަން އުޅުނު،" އޭނާ ވިދާޅުވިއެވެ.

މިކަން ތަކުރާރު ވާނަމަ ރިނބުދޫގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް އަސަރު ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރިނބުދޫގެ ފަޅުތެރެއަކީ ކަނޑުގެ ދިރުންތައް ވެސް މުއްސަނދި ސަރަހައްދެއްކަމަށާއި މޫދުގެ ރާޅުޖަހާފަށަށް އަޅާ ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ވެސް އަސަރު ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ މިހާރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ވެސް ގެނެސްފައި ވާކަމަށް ހާތިމް ވިދާޅުވިއެވެ. ނަމަވެސް މިކަމާ ގުޅިގެން އީޕީއޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ކުނި އެންދުމަށް ފަހު ރިނބުދޫގެ ގޮނޑުދޮށަށް އަޅިތައް އަޅާ މައްސަލައިގައި "ސަން"އާ ވާހަކަ ދައްކަވަމުން ރިނބުދޫ ކައުންސިލްގެ ރައީސް އަހްމަދު އިގްބާލް އަބްދުލްގައްޔޫމް ވިދާޅުވީ، ކުނި އެންދުމަށް ފަހު ގިނަވާ އަޅިތައް އަޅަނީ ވަލުތެރެއަށް ކަމަށެވެ.

"އެބޭފުޅުން އެ ނަގަމުންދާ ގަޑީގައި އެންމެ އަޑީގައި ހުންނަ އަޅީގައި ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ހުންނާތީ ވަލުތެރެއަށް ނާޅާން، އަޅައިފިއްޔާ ފަހަރެއްގަ ރޯވެސް ވެދާނެތާ ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ އަޅިތައް ބައެއް ފަހަރު ގިރާލާ، ނުވަތަ މޫދަށް ގިރިގެން ދާނެ ސަރަހައްދުތަކަށް އަޅާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލައެއް ސޯޝަލް މީޑިއާއަށް ފެންމަތިވީ ނަމަވެސް، މާބޮޑު ކަމެއް ހިނގައިގެން ނޫޅޭ ކަމަށެވެ.

comment ކޮމެންޓް