ފުއާދު ޖަޒުބާތުގައި ޖެހިވަޑައިގެން ވިދާޅުވީ، އެމްޑީޕީއަކީ ހަށިގަނޑުގެ އެއްބައި ކަމަށް

އީސީގެ ރައީސް ފުއާދު ތައުފީގު --

އެމްޑީޕީއަކީ ހަށިގަނޑުގެ އެއްބައި ކަމުގައި ދެކުނު ޕާޓީ ކަމަށާއި އޭނާއަށް ކުރިމަތިވި ކަންކަމުގައި އެމްޑީޕީގެ ސަރުކާރު ވަރަށް އިންސާފުވެރި ވާނޭކަމަށް އުންމީދު ކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު އީސީ ހާޒިރުކޮށް، ކުރިއަށްއޮތް މަޖިލިސް އިންތިޚާބާ ބެހޭގޮތުން ވަނީ ސުވާލު ކޮށްފައެވެ. މި ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެންބަރު އަދި މިހާރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަލީ އާޒިމް ވަނީ، މިނިވަން މުއައްސަސާތަކުން އެއިރެއްގައި އަންނަ ސަރުކާރަކުން އެދޭގޮތަކަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އީސީން ވެސް މަޖިލީހުގައި ލަފާ ހޯދުމަށްފަހު ކަންތައް ކުރައްވަނީ މަޖިލީހުން ދޭ ލަފާއާ ދިމާ އިދިކޮޅަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"ސަރުކާރަ ވެސް މަޝްވަރާ ކުރަން ވާނެ. ރަނގަޅު ގޮތުގައި ކަންކަން ދޭތޯ ބަލަން ވާނެ. އެކަމަކު އަޅުގަނޑުމެން ބުނާ ވާހަކައާ ދިމާ އިދިކޮޅަށް ކަންކަން ނުކުރާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ މި ވާހަކައާ ގުޅިގެން ފުއާދު ވަނީ ވަރަށް ޖަޒުބާތުގައި ޖެހިވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން 2014އާ ހަމައަށް އާޒިމާއި އެމްޑީޕީއަކީ ވެސް އޭނާއާ ވަރަށް ގާތުން މަޖިލީހުގައި، ވަރަށް ހިތްވަރު ދީ މަސައްކަތް ކުރި ބައެއް ކަމަށް ވިދާޅުވިއެވެ.

އަދި 2014ގައި އޭރުގެ ސަރުކާރުން އެންގި ބައެއް ކަންކަމަށް ބޯ ނުލެނބުމުން ސުޕްރީމް ކޯޓުން ފުއާދު އެ ކޯޓުގެ ހުރުމަތް ކެނޑީކަމަށް ނިންމިކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން ނިންމީ އެ ކޯޓުގެ ބަސްނާހައިފިއްޔާ ޖަލަށް ވެސް ލާގޮތަށް އަދި ބަސްއަހަފިއްޔާ އެއް އަހަރު އީސީގައި ހުރެވޭ ގޮތަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

"ބަސް ނޭހިދާނެތީ އަޅުގަނޑު ފުރައިގެން ދިޔައީ ވެސް ރާއްޖެއިން އެފަހަރު. އޭރު ކަނޑައެޅިގެން މަޖިލީހުން ވިދާޅުވެފައި އޮތް ސުޕްރީމް ކޯޓުން ވެސް އެ ކުރެއްވީ ގާނޫނާ ޚިލާފު ކަމެކޭ. މިނިވަން މުއައްސަސާތަކުގެ މެމްބަރަކު ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށޭ. އެވާހަކަ ވެސް އަޅުގަނޑު މަޖިލީހުގައި ދެންނެވިން. އެހެން ނަމަވެސް މަޖިލީހުން ވީކަމެއް ނެތް،" ފުވާދު ވިދާޅުވިއެވެ.

އޭގެ ފަހުން، ނޮވެމްބަރުގައި ދައުރު ނިމެން އޮއްވާ ސުޕްރިމް ކޯޓުން އޭނާ އެޕްރިލް މަހު ވަކިކުރި ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި ދައުރުގެ ބާކީ މަސްތަކަށް ފައިސާ ދޭން އީސީއަށް ލިޔުނު ކަމަށާއި، އީސީން ފިނޭންސް މިނިސްޓްރީއަށް ވެސް ސިޓީއެއް ލިޔުނު ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އިލެކްޝަންސް ކޮމިޝަނުން ފިނޭންސަށް ލިޔުއްވާނެ ވާހަކަ ވިދާޅުވެފައި އަދި މިއަދާ ހަމައަކަށް ފިނޭންސް މިނިސްޓްރީން އެ ސިޓީއަކަށް ޖަވާބެއް ނުދެއްވާ،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ވެސް އެ ފައިސާ އޭނާއަށް ދިނުމަށް ރައީސުޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެން ކަމަށެވެ. ނަމަވެސް، ރައީސް ނިންމެވީ އެގޮތަށް އެކަން ހަމަޖައްސައިދެވެން ނެތްކަމަށް، ކަމަށް ފުއާދު ވިދާޅުވިއެވެ.

މިދިޔަ އަހަރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސް އުފައްދަން އުޅުނު އިރު ހިނގި ޚިޔާލު ތަފާތުވުންތައް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އޭރު ވެސް އޭނާ މަސައްކަތް ކުރެއްވީ އެ ޕާޓީއަށް ވީއެންމެ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ކަމަށެވެ.

"އެހެން ނަމަވެސް، ކޮމިޝަންގެ ތެރެއިން ތިން މެމްބަރުން ދިމާ ކުރެއްވީ އަޅުގަނޑު މިތަނުން ނަގައި އެއްލާލައްވަން،" ފުވާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ތިން މެމްބަރުންގެ ފަހަތުގައި ވެސް ތިއްބެވީ އެމްޑީޕީކަން އޭނާއަށް އެގިލައްވާކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ އީސީގެ ރައީސްކަމުން ވަކިނުކޮށް ސަލާމަތްވެފައި ހުރީ ކިރިޔާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ޖަލްސާއަކީ ރިކޯޑު ކުރެވެމުންދާ ޖަލްސާއެއްކަން އޭނާއަށް އެނގިލައްވާ ކަމަށެވެ. އަދި އެމްޑީޕީއާ މެދު އޭނާ ދެކޭގޮތް ހާމަކުރަން ޖެހިލުންވެ ނުލައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ ސަރުކާރެއް އޮތަސް، ޕީޕީއެމްގެ ސަރުކާރެއް އޮތަސް، ޕީއެންސީގެ ސަރުކާރެއް އޮތަސް، އަދިވެސް އަޅުގަނޑު ނޯންނާނެ ގާނޫނަކާ ގަވާއިދަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފަކާ. އެއްވެސް ސަރުކާރެއްގެ ބިރު ދެއްކުމަކަށް އިންޒާރަކަށް އެހެން ކަމަކަށް،" ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ މިނިވަން މުއްސަސާތަކަށް ހިމާޔަތް ނެތް މައްސަލަ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކީ ރައްކާތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް އޭނާ ވިދަޅުވިއެވެ.

comment ކޮމެންޓް