ބ. ތުޅާދޫގައި މިހާރު ކުރިއަށްދާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުންވަނީ މިދިޔަ އަހަރުގެ ޖުލައި 12ވަނަ ދުވަހު ތުޅާދޫ ހިމެނޭހެން ތިން ރަށެއްގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ.
އެއާޕޯޓު މަޝްރޫއު މަސައްކަތް މިހާރު ހިނގަމުން އަންނައިރު، މިއަދު ރައީސް ޑރ. މުއިއްޒު ވަނީ ތުޅާދޫގައި އޮތް ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު މި މަސައްކަތް ހިނގަމުން އަންނަނީ ވަރަށް ލަސް ދުވެލީގައި ކަމަށެވެ.
ނަމަވެސް އެ ދުވެލި އަވަސްކޮށް މަޝްރޫއަށް ބަދަލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ބަދަލުކޮށް މަސައްކަތް ނިމޭއިރު ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ރަށަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"މިހާރު އެބައޮތް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އެ ސްކޯޕަށް ގެންނަންޖެހޭ ބަދަލުތަކާއި ކުރިއެރުންތަކެއް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ރަށުގެ ދުރު ރާސްތާގެ ތަރައްގީއަށް ޓަކައި، ރަށުގައި ބިން ހިއްކުމުގެ މަސައްކަތް ވެސް އެއާޕޯޓު މަޝްރޫއާއެކު ހިންގަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތުޅާދޫގައި ހިންގަވައިދެއްވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއުތައް:
- މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދިނުން
- މި އަހަރު 100 ހައުސިން ޔުނިޓު ތަރައްގީކުރުން
- ސިއްހީ ނިޒާމު ރަނގަޅުކުރުން
ރައީސް ވިދާޅުވީ ތުޅާދޫއަކީ މި އަތޮޅުގެ ތަރައްގީގައި މުހިންމު ރަށެއްކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރަށެއްގަައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށާއި އެ ކަން ކުރާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.