ޕާކިސްތާނުގެ ބޮޑު ވަޒީރުކަމަށް ޝެހެބާޒް ޝަރީފް އައްޔަންކޮށްފި

ޕާކިސްތާނުގެ މިހާރުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް. ފޮޓޯ/ސީއެންއެން

ޕާކިސްތާނުގައި އަލަށް އެކުލަވާލި ގާނޫނު ހަދާ މަޖިލީހުން، އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް ޝެހެބާޒް ޝަރީފް ދެވަނަ ފަހަރަށް އައްޔަންކުރައްވައިފިއެވެ.

ބޮޑު ވަޒީރު ކަމަށް ޝެހެބާޒް އައްޔަނުކުރައްވައިފައި ވަނީ ޕާކިސްތާނުގެ އިންތިހާބު ބޭއްވިތާ ތިން ހަފުތާ ފަހުންނެވެ.

އިންތިހާބުގައި ޝެހެބާޒް ވާދަކޮށްފައި ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާނާ ޚާންގެ ތާއީދު އޮތް ކެންޑިޑޭޓް އުމަރު އަޔޫބާއެވެ. އިންތިހާބުގައި އުމަރަށް ލިބުނީ 92 ވޯޓެވެ. ޝެހެބާޒް ވަނީ 201 ވޯޓު ހޯދައިފައެވެ. އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަމިއްލައަށް ސަރުކާރު އެކުލަވާލެވޭ ވަރަށް ގޮނޑިއެއް ނުލިބެއެވެ.

ބޮޑު ވަޒީރު ކަމަށް ޝެހެބާޒް އައްޔަންކޮށްފައިވާ ކަމަށް ގައުމީ މަޖިލީހުގެ ރައީސް އަޔާޒް ޞާދިޤު އިއުލާނުކުރުމާ ގުޅިގެން ޚާންގެ ތާއީދާއެކު ސުންނީ އިއްތިހާދު ކައުންސިލް (އެސްއައިސީ) ޕާޓީން ވަނީ އަޑުގަދަކޮށް މުޒާހަރާކޮށްފައެވެ. އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ޚާން ދޫކޮށްލުމަށް ގޮވާލައި، ޝެހެބާޒް ވެރިކަމަށް އައީ އިންތިޚާބީ އޮޅުވާލުންތަކެއްގެ ތެރެއިން ކަމަށް ބުނެ މުޒާހާރާ ކޮށްފައެވެ.

މިދިޔަ ފެބްރުއަރި މަހުގެ އަށްވަނަ ދުވަހު ޕާކިސްތާނުގެ އާންމު އިންތިޚާބު ބާއްވައިފައިވާއިރު، ސަރުކާރެއް އުފެއްދޭ މިންވަރަށް އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައިނުވާތީ، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލްއެން)އާއި ބިލަވާލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ވަނީ ކޯލިޝަން ސަރުކާރެއް އުފައްދައިފައެވެ.

ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލުމަށް ޓަކައި 266 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެއެވެ.

އާ ސަރުކާރުގެ ބޮޑު ވަޒީރު ކަމަށް އައްޔަންކުރެއްވި ޝެހެބާޒަކީ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ކޮއްކޮއެވެ.

އިންތިޚާބުގައި ޕީއެމްއެލްއެން 75 ގޮނޑި އަދި ޕީޕީޕީއިން 54 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، 93 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑު ވަޒީރު އަދި މިހާރު ޖަލުގައި އޮންނެވި އިމްރާން ޚާން ތާއީދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް