ބޮލީވުޑަކީ ބޭރުން ފެންނަ މަންޒަރު ހިތްގައިމުވެފައި ރީތި ކުލަ ތަކަކުން ޖަރީވެފައިވާ އިންޑަސްޓްރީއެއް ނަމަވެސް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް އެކްޓަރު ޝާހިދު ކަޕޫރު މި އިންޑަސްޓްރީއާ މެދު ދެކޭގޮތް ވަރަށް ތަފާތެވެ.
ފިލްމީ ތަރި ނެހާ ދޫޕިއާގެ ޕޮޑް ކާސްޓް 'ނޯ ފިލްޓާ ވިތު ނެހާ'ގައި ވާހަކަ ދައްކަމުން ޝާހިދު ބުނެފައި ވަނީ ބޮލީވުޑަކީ ބެލުންތެރިން ހީކުރާ ވަރަށްވުރެ މާގިނަ ގޮތް ނޭނގޭ ގިނަ ސިއްރުތަކެއް ފޮރުވިފައިވާ އިންޑަސްޓްރީއެއް ކަމަށެވެ.
ޝާހިދު އެންމެ ފުރަތަމަ ފިލްމު އިންޑަސްޓްރީއަށް ގުޅުނު ދުވަސްވަރު އެންމެ ފުރަތަމަ ވެސް އިހުސާސް ކުރެވުނީ ސްކޫލަކަށް ވަދެވުނުކަމުގެ އިހުސާސް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ސަބަބަކީ އޭރު ފިލްމު އިންޑަސްޓްރީއާ އެއްވެސް ގުޅުމެއް ނެތް އާއިލާއަކުން ފިލްމީ ދާއިރާއަށް ނުކުންނަ ތަރިންނަށް ބޮލީވުޑުން މަރުހަބާ ކިޔުމުގެ އާދަކާދައެއް ނޯންނާތީ ކަމަށް ޝާހިދު ވަނީ ބުނެފައެވެ.
އެހެންވެ ކެރިއަރުގެ ފުރަތަމަ ދެ ތިން އަހަރު ޝާހިދު ހޭދަކުރީ ދަތި އުނދަގޫކަން މަތީ ކަމަށާއި އެ ދުވަސްތައް މިހާރުވެސް ހަނދާންވާ ކަމަށް "އިޝްޤް ވިޝްޤް"އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު ވަނީ ބުނެފައެވެ.
ޢުމުރުން 43 އަހަރުގެ އެކްޓަރުގެ ކެރިއަރުގެ ފެށުމަކީ ފަސޭހަ ދަތުރަކަށް ނުވުމުން އަޒުމު ކަނޑައެޅީ ފިލްމީ ދާއިރާގައި ބުރަކޮށް މަސައްކަތް ކެރިއަރު ކާމިޔާބު ކުރަން ކަމަށް ޝާހިދު ވަނީ ބުނެފައެވެ.
ނެހާގެ ޕޮޑް ކާސްޓުގައި ޝާހިދު ބުނެފައި ވަނީ ފިލްމީ ބެކްގްރައުންޑެއް ނެތި ބޮލީވުޑަށް އާ މީހުން ނުކުތުމަކީ ހިންދީ ސިނަމާގެ ގިނަ ބަޔަކު އޭރު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ޝާހިދު އަމިއްލަ ނަފުސަށް އިތުބާރު ކުރާ މިންވަރު ވަރަށް ބޮޑަށް ދަށްވި ކަމަށްވެސް މި ޕޮޑްކާސްޓުގައި ވަނީ ބުނެފައެވެ.
އެހެންނަމަވެސް ޝާހިދުގެ އަތުގައި ކާމިޔާބީގެ ނަސީބު ހިފުމާއެކު ޝާހިދު ވެފައިވަނީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެއް އެކްޓަރަށެވެ. ފިލްމު އިންޑަސްޓްރީއިން ލިބުނު ތަޖުރިބާތަކުގެ އަލީގައި އަމިއްލަ ނަފުސަށް ބޮޑު ކުރިއެރުމެއް އައިސް ފިލްމީ ދާއިރާގައި ދާން ބޭނުންވި މަންޒިލަށް ވާސިލުވެވުނު ކަމަށް ޝާހިދު ވަނީ ބުނެފައެވެ.
ޝާހިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި ނިމުނު ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "ތޭރީ ބާތޯންމެ އޭސަ އުލްޖާ ޖިއާ"އިންނެވެ. އެމޭޒަންގެ ކާމިޔާބު ވެބް ސީރީސް "ފަރުޒީ"ގެ އެކްޓަރު ވަނީ "ދެވާ" ނަމަކަށް ކިޔާ ފިލްމަކަށް ސޮއިކޮށް ފިލްމުގެ މަސައްކަތް ފަށާފައެވެ. މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.