ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި، އެ ކުންފުނީގެ 11 މިލިއަން ރުފިޔާ އާރްޑީސީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ އާރުޑީސީގެ ފައިސާ އެ ކުންފުނީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ އެކައުންޓްތަކަށް ގާނޫނާ ޚިލާފަށް ގޮސްފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގުނަސް، އެއީ ކޮން ގޮތަކަށް ދައުރުވެފައި ހުރި ފައިސާތަކެއްކަން މިހާތަނަށް ޔަގީން ނުވާ ކަމަށެވެ.
ނާފިޒު އިތުރަށް ވިދާޅުވީ އާރްޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި، އެ މީހުންގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހިނގާފައިވާ އިރު، އެއީ އެތައް ބަޔަކާ ގުޅުންހުރި ޓްރާންސެކްޝަންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ފުލުހުންގެ ތަހުގީގަށް އެ ޓްރާންސެކްޝަންތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު ހޯދަން ޖެހެނީ ވަކިވަކިން ކަމުގައި އޭނާ ވިދާޅުވިއެވެ.
"...މިހާރު އަޅުގަނޑުމެންނަށް ލިބިފަހުރި ޑޮކިއުމެންޓްސްތަކުން ފެންނަން އޮތީ، މިވަރޭ އަޅުގަނޑުމެން މި ދަނަންވަނީ. ތިން މީހަކަށް އާރްޑީސީގެ މަސައްކަތް ކުރާ ތިން މީހެއްގެ ޕާސަނަލް އެކައުންޓަށް އާރުޑީސީން އެބަ އިނޭ 11 މިލިއަން އެކަކަށް، އަނެކަކަށް ދެ މިލިއަން، އަނެކަކަށް ދެ މިލިއަން ގޮއްސަ. މި ޓްރާންސެކްޝަންތައް އަޅުގަނޑުމެން ބަލަމޭ." ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ޓްރާންސެކްޝަންތައް ހިނގާފައިވަނީ 2018އިން ފެށިގެން 2022ގެ ސެޕްޓެންބަރުމަހާ ހަމަޔަށް ކަމަށެވެ.
އާރްޑީސީއާ ގުޅޭ ފައިސާގެ މައްސަލައިގައި އެ ކުންފުނީގެ މައި އެކައުންޓުން ފައިސާ ޖަމާކޮށްފައި ވަނީ މެނޭޖަރު ލެވެލްގެ މުވައްޒަފެއްގެ އެކައުންޓަށް ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރުގެ ޖުލައި 15ގައި ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރުމަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އާރުޑީސީގެ އޮފީހަށްވަދެ، އެތަން ބަލައިފާސްކޮށްފައެވެ. އާރުޑީސީއަށް ކުރި ހިޔާނާތުގެ ތުހުމަތު އެ ކުންފުނިން އޭރު ވަނީ ދޮގުކޮށްފައެވެ.