އާރްޑީސީ މައްސަލަ: ފައިސާ ޖަމާކުރީ މެނޭޖަރެއްގެ އެކައުންޓަށް

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅޭ ފައިސާގެ މައްސަލައިގައި އެ ކުންފުނީގެ މައި އެކައުންޓުން ފައިސާ ޖަމާކޮށްފައި ވަނީ މެނޭޖަރު ލެވެލްގެ މުވައްޒަފެއްގެ އެކައުންޓަށް ކަމަށް ފުލުހުން ބުނެފިއެވެ.

އާރުޑީސީގެ ފައިސާގެ މައްސަލަ ފެންމަތިވީ ކުންފުނީގެ އެކައުންޓުން، ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ހިސާބުންނެވެ.

އޭރު ފުލުހުން ވަނީ އާރުޑީސީއާ ގުޅޭ ފައިސާގެ މައްސަލައެއް ބަލަމުންދާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މައްސަލައިގައި އިތުރު ތަފްސީލެއް އޭރު ނުދެއެވެ.

އާރުޑީސީ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު މިރޭ "ސަން" އަށް ވިދާޅުވީ، އާރުޑީސީގެ ފައިސާ ޖަމާވީ އާރްޑީސީގެ މެނޭޖަރު ލެވެލްގެ މުވައްޒަފެއްގެ އެކައުންޓަށް ކަމަށެވެ. ނަމަވެސް ތަހުގީގު ކުރާ މައްސަލައަކަށް ވާތީ، އެ މުވައްޒަފަކީ ކޮބައި ކަމާއި އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާގެ އަދަދު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ އެކައުންޓަށް ފައިސާ ޖަމާ ނުވެއޭ ބުނެފައެއް ނުވާނެ. އެއްވެސް ބަޔަކު އިސްތިސްނާ ކޮށްގެން ނެއް ނޫން ތަހުގީގު ކުރިއަށް ގެންދަނީ." ޔޫނުސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްބެޒެލްމެންޓު އަދި މަނީލޯންޑަރިންގެ މައްސަލައެއްގެ ގޮތުގައީ އާރުޑީސީ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެން ޔުނިޓު (އެފްއައިޔޫ)އިން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

comment ކޮމެންޓް