އޭޝިއަން ޓެލެކޮމް އެވޯޑްސްއިން ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެ --- ފޮޓޯ/ދިރާގު

މި އަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ.

މި އެވޯޑަކީ ރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޤައުމަކަށް ހަލުވި ސްޕީޑްގައި މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދ،ީ މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްޤީކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.

މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ މި އެވޯޑު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"މި ކާމިޔާބީން ހާމަވެގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓާނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް. އަދި, މި ފުރުސަތުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރު ފާހަގަކޮށް، އަޅުގަނޑުމެންގެ ނެޓްވާކްގައި ތިއްބެވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ރަޝީދު ވިދާޅުވިއެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވާކް'ގެ އެވޯޑް ވެސް ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.

ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ޚިދުމަތް ފޯރުކޮށްދީފައެވެ. އަދި، ވޭތުވެދިޔަ އަހަރު ތެރޭގައި އެ ކުންފުނިން ވަނީ 94 އިންސައްތަ ގޭބީސީއަށް ފައިބާ-ޓު -ދަ -ހޯމް އިންޓާނެޓް ގެ ޚިދުމަތް ވެސް ފުޅާކޮށްފައެވެ.

މީގެ އިތުރުން، ދިރާގުން މިހާރު ވަނީ 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށް ވެސް ފޯރުކޮށްދީފައެވެ.

މިގޮތުން ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ދޭ ކުންފުންޏެވެ. އަދި، އެ ކުންފުނިން ބުނީ ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ގެނެސްދ،ީ ފާގަތ،ި ޑިޖިޓަލް މުސްތަޤުބަލެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް