އެމެރިކާއިން ވައިގެ މަގުން ފުރަތަމަ ފަހަރަށް ޣައްޒާއަށް އެހީ ފޯރުކޮށްދީފި

އެމެރިކާއިން ވަނީ ފުރަތަމަ ފަހަރަށް ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފައި -- ފޮޓޯ/ރޮއިޓާސް

އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ މަގުން ފުރަތަމަ ފަހަރަށް ޣައްޒާއަށް އެހީ ފޯރުކޮށްދީފިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ސާފު ބޯފެނާއި ކާނާ ވެސް ނުލިބި އެތައް ބަޔަކު މިހާރު އަންނަނީ ޣައްޒާއިން މަރުވަމުންނެވެ. ޣައްޒާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ބަނޑުހައިހޫނުކަންމަތީގައެވެ.

އެމެރިކާގެ އިތުރުން އުރުދުން އަދި ފަރަންސޭސިވިލާތުން މީގެ ކުރިން ވަނީ ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދީފައެވެ.

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާއިން ބޭނުންކޮށްފައިވަނީ ސީ-130 ޓްރާންސްޕޯޓް ތިން ބޯޓެވެ. ނަމަވެސް އެ އެހީ ފޯރުކޮށްދީފައިވަނީ ޣައްޒާގެ ކޮން ސަރަހައްދަކަށް ކަމެއް ސާފެއްނުވެއެވެ. އެމެރިކާއިން ފޯރުކޮށްދޭ އެ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ޣައްޒާއަށް ފޯރުކޮށްދޭނެއެވެ.

ވައިގެ މަގުން އެހީ ފޯރުކޮށްދިނުމުގެ އިތުރުން މެޑިޓޭރިއަން ކަނޑުގެ އައްސޭރި ފަށުން ގާތްގަނޑަކަށް 210 މޭލު ދުރުގައި އޮންނަ ސައިޕްރަސް މެދުވެރިކޮށް ކަނޑު މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ވެސް އެމެރިކާއިން ވިސްނަމުން އަންނަ ކަމަށް މީޑިއަތަކުން ރިޕޯޓުކުރެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ދަތިވެފައި އޮތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން ހަނގުރާމަކުރަމުންދާތީއެވެ. ހަނގުރާމައިގެ ސަބަބުން މިސްރާއި ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގު ކަމަށްވާ ރަފަޙް މެދުވެރިކޮށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުން މިހާރުން އޮތީ ގާތްގަޑަކަށް ހުއްޓައިލައިފައެވެ. އިތުރު އެހީ ޣައްޒާއަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނައިރު، އެހީ ފޯރުކޮށްދިނުން ހުއްޓުވުމަށް އިސްރާއީލުގެ އާންމުން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން އެހި ފޯރުކޮށްދިނުން އޮތީ ދަތިވެފައެވެ.

ޣައްޒާއަށް ވެއްދުމަށް ތައްޔާރުކޮށްފައިވާ އެހީގެ އެތައް ގާފިލާއެއް އޮތްއިރު އެ ގާފިލާތައް ޣައްޒާއަށް ވެއްދުން އޮތީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.

ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ ގެ އިދާރާ، (ޔޫއެންއާރްޑަބްލިޔުއޭ) އިން ހާމަކޮށްފައިވާ ގޮތުން ފެބްރުއަރީ މަހު ޣައްޒާގެ ވެއްދެނީ ދުވާލަކު އެންމެ 97 އެހީގެ ޓްރަކެވެ. ޖެނުއަރީ މަހު އެ އަދަދު ހުރީ 150 ގައެވެ. ހަނގުރާމައިގެ ކުރިން ޣައްޒާއަށް ދުވާލަކު 500 އެހީގެ ގާފިލާ އެތެރެވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް