އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުއްޓަށް

އެއާ އެމްބިއުލާންސް ޓެސްޓް ފްލައިޓް އަޅަނީ: ފުރަތަމަ ދަތުރު ކުރީ ކުޅުދުއްފުއްޓަށް-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން ޚިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށީ ސިޓީއަށް ކޮށްފިއެވެ.

އިއްޔެ ޚިދުމަތް ފެށި އެއާ އެމްބިއުލާންސް ބަލި މީހަކު ބަލައި ކުޅުދުއްފުއްޓަށް ފުރީ ރޭ ދަންވަރު 3:20ގައެވެ.

https://sun.mv/189322

ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ޚިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގައި، ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ.

އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.

މި ޚިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ޚާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށިއިރު އަދި ބޯޓެއްގައި އުފުލާނީ ދެ ބަލި މީހުންނެވެ. އެކަމަކު، ޚިދުމަތް ފުޅާކުރަމުންދާއިރު އެ އަދަދު އިތުރުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.

ސަރުކާރުގެ ވައުދާ އެއްގޮތަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.

އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް