ހިތާދޫ ފަޅު ތެރޭ މުށިމަސް އައިނެއް، ރަށު ރައްޔިތުންނަށް އީދެއް

ހިތާދޫ ފަޅުތެރެއިން ބާނަފަ ހުރި މަސްތަކެއް --- ފޮޓޯ/ ހިތާދޫ ރައްޔިތެއް

ބ. ހިތާދޫ ފަޅު ތެރެއަށް ބޮޑު މުޝިމަސް އައިނެއް ވަދެ، މުޝިމަހުގެ އީދެއް މުޅި ރަށަށް ގެނުވައިފިއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މުޝިމަސް އައިނެއް ރަށު ފަޅު ތެރެއއަށް ވަދެފައިވާއިރު، އެ ރަށުން "ސަން"އާ ވާހަކަދެެއްކި ރައްޔިތަކު މި ކަން ސިފަކުރީ މިއީ އެ ރަށަށް ލިބުނު ބޮޑު ރޯއްޖެއް ގޮތުގައެވެ.

މިފަދަ މަސް އައިނުތަކުން އާންމުކޮށް މަސް ހިފައި އުޅެނީ ދާ ޖަހައިގެންނެވެ. ނަމަވެސް ހިތާދޫ މީހުން މަސް ބާނަނީ މުޅިން ތަފާތު ގޮތަކަށެވެ.

ހިތާދޫގެ ރައްޔިތުން މަސް ހިފަނީ ދޮށީގައެވެ. މި ރަަށުގެ ފަޅުތެރެެއަށް މަސް އައިން ވަދެގެން އުޅޭތާ ދެ މަހަށްވުރެ ގިނަދުވަސްވެފާއިވާއިރު މި ރަށު މީހުން މަސައްކަތް ކުރަނީ މުށިމަސް އައިނަށް ގެއްލުމެއް ނުދީ މަސް ހިފޭތޯއެވެ.

"އަޅުގަނޑުމެން ކައުންސިލުން މިކޮޅުގައި އަމަލުކުރަމުން މި ދަނީ ހަމަ ބައިގަނޑަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ނުކޮށް މަސްހިފުމަށް. އެހެންވީމަ ދޮށީގަ މަސް ބާނަމުން ދާނީ. ދާ ޖެހުމާއި އެކަހަލަ ކަންކަން ކުރިއަށް ނުދާނެ،" ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މުހައްމަދު ވިދާޅުވިއެވެ.

ހިތާދޫ ފަޅުތެރެއިން ބާނަފަ ހުރި މަސްތަކެއް ކައްކަން އުދާފައި --- ފޮޓޯ/ ހިތާދޫ ރައްޔިތެއް

މުޅި ރަށުގެ ރައްޔިތުން މި ކަމުގައި ޝާމިލުވާއިރު ކުޑަ ކުދިން ވެސް މި ކަމުގައި ފޯރިއާއެކު ހަރަކާތްތެރިވެއެވެ.

އަބްދުލްއަޒީޒް ވިދާޅުވީ، ބާނާ މަހަށް ކައުންސިލުން ގޮތް ނުނިންމާ ކަމަށެވެ. އެގޮތުން އެ މީހަކު ބޭނުން ވަރަކަށް މަސް ބޭނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުން "ސަން"އާ ވާހަކަދެއްކި އިތުުރު މީހަކު ބުނީ މުށިމަސް އައިނަކީ ޒަމާނުއްސުރެ އެ ރަށަށް ވަންނަ މަސް އައިނެއް ކަމަށެވެ. ނަމަވެސް މިފަހަރު މަސް އައިން ވަނީ ނުވަންތާ އަހަރުތަކެއް ފަހުން ކަމަށް އޭނާ ބުންޏެވެ.

އެހެންވެ މިހާ ދުވަހަށްފަހު ހިތާދޫގެ ފަޅުތެރެއަށް މުށިމަސް އިން ވަނުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ނަސީބާއި ރޯއްޖެއްގެ ގޮތުގައި ރަށު ރައްޔިތުން ސިފަކުރެއެވެ.

އޭނާ ކިޔާދިން ގޮތުގައި މަސް ހިފަން ތިބޭނަމަ އެއް ގަޑިއިރު ތެރޭ ހާހެއްހައި މުށިމަސް ބޭނޭނެއެވެ. އެއާއެކު، މަސް އައިނުން ހިތާދޫއިން ބޮޑު ނަފައެއް ހޯދާކަން ފާހަގަކޮށް އޭނާ ބުނީ މަހުން ތަފާތު ވައްތަރުގެ އުފެއްދުންތައް ވެސް އުފައްދަމުން އަންނަކަމަށެވެ.

ހިތާދޫ ފަޅުތެރެއިން ބާނަފަ ހުރި މަސްތަކެއް --- ފޮޓޯ/ ހިތާދޫ ރައްޔިތެއް

"މަސް ހަމަ ކައްކައިގެން ޕެކެޓްކޮށްގެން ވިއްކޭ. 90 ރުފިޔާއަށް ޕެކެޓެއް. އޭގައި ހުންނާނީ ގާތްގަނޑަކަށް ކިލޯއެއް. ކައްކާފައި، ސާފުކޮށްފައި ވިއްކަނީ،"

"ވަރަށް ގިނަ ފަރާތްތަކަށް މިކަމުން ފުދޭ ވަރެއްގެ އާމްދަނީއެއް ލިބޭ. ކައްކައިގެން ހިއްކުމުގެ މަސައްކަތް ވެސް އެއްބައި ބޭފުޅުން ކުރައްވާނެ. އެ ހިއްކި މަސް ވިއްކުމުގެ މަސައްކަތް ވެސް ހަމަ ކުރޭ. އޭގެ އިތުރުން، ރިހާކުރު ފަދަ އެއްޗެހި ވެސް ބައެއް ބޭފުޅުން ހަދާ،" އޭނާ ކިޔައިދިނެވެ.

ހިތާދޫއަށް އައި މުށިމަސް އައިނުން ރަށުގެ ހުރިހާ ރަށްޔިތުންނަށް އީދެއް ގެނެސްދީފިއެވެ. މަސް ބާނައިގެން ކޮންމެ ރައްޔިތަކު ވެސް ގެއަށް ދަނީ އުފާވެރިކަމުގެ ހިނިތުންވުމަކާ އެކުގައެވެ.

comment ކޮމެންޓް