ކުއްލި ހާލަތްތަކުގައި ސިއްޚީ ފަރުވާ ފޯރުކޮށްދިނުމަށް މިއަދު ފެށި، އެއާ އެންބިއުލާންގެ ޚިދުމަތް ފޯރުކޮށްދެނީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއްގައި ކަމަށް އައިލޭންޑް އޭވިއޭޝަން (އައިއޭއެސް)އިން މިއަދު ބުނެފިއެވެ.
މި ޚިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ޙާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ.
އައިއޭއެސްއިން ބުނީ އެއާ އެންބިއުލާންސަށް އެ ބޯޓު ބަދަލުކުރުމުގެ ކުރިން އެއީ އެ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރި ބޯޓެއް ކަމަށެވެ.
އެއާއެކު، އެއާ އެންބިއުލާންސްގެ ޚިދުމަތަށް ބޯޓު ތައްޔާރުކުރީ އެމަޖެންސީ ފަރުވާ ދެވޭ ގޮތަށް ކަމަށާއި މެޑިކަލް އިކުއިޕްމަންޓުތައް ހަރުކޮށްގެން ކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ވަނީ މަތިންދާބޯޓު ދުއްވުމުގައި އެންމެ އިސްކަންދެނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަން ޔަގީންކޮށްދީފައެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިއަދު ފެށި އެ ޚިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.
މީގެ ކުރިން ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގައި ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ޚިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ.
އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.
ރައީސް މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މި މަސައްކަތުގެ މަގުސަދަކީ ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށިއިރު އަދި ބޯޓެއްގައި އުފުލާނީ ދެ ބަލި މީހުންނެވެ. އެކަމަކު، ޚިދުމަތް ފުޅާކުރަމުންދާއިރު އެ އަދަދު އިތުރުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.