މުޅި ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ މީހުންނަކީ ބަރު މީހުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އާއި ދިރާސާކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ.
އެ ދިރާސާ ރިޕޯޓަކީ 190 ގައުމަކުން 220 މިލިއަން މީހުން ބައިވެރިކޮށްގެން އެކުލަވައިލައިފައިވާ ރިޕޯޓެކެވެ.
ރިޕޯޓުގައިވާގޮތުން ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން ބަރުދަން ލުއި މީހުން މީގެކުރިން ގިނަ ނަމަވެސް އެ ގައުމުތަކުގައި ވެސް ބަރުމީހުންގެ އަދަދު މިހާރު ވަނީ އިތުރުވެފައެވެ.
މުއްސަނދި ގިނަ ގައުމުތަކުގައި ބަރު މީހުންގެ ނިސްބަތް މަދު ނަމަވެސް އެ ނޫން ގައުމުތަކުގައި ބަރު މީހުންގެ ނިސްބަތް ވަރަށް ހަލުއިކަމާ އެކު މައްޗަށްދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އަދި، 1990 ވަނަ އަހަރާްއި 2022 އާ ދެމެދު ބޮޑެތި މީހުންގެ ފަލަވުމުގެ ނިސްބަތް ދެގުނައަށް ވުރެ އިތުރުވެފައިވާއިރު، ފަސް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ފަލަވުމުގެ ނިސްބަތް ހަތަރު ގުނައަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންގެ މެދުގައި ފަލަވުމުގެ ނިސްބަތް އިތުރުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ލަންޑަންގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސާ މާޖިދު އައްޒަތީ ވިދާޅުވެއެވެ. ނަމަވެސް މިއީ 1990 ވަނަ އަހަރުގެ ކުރިން ވެސް ބޮޑެތި މީހުންގެ ކިބައިން ފެންނަ ކަމެއް ކަމަށާއި ހަމައެއާއެކު ކާބޯތަކެތި ނުލިބޭ އެތައް ސަތޭކަ މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަރަށް ބޮޑަށް ބަރުދަން ލުއިވުމަކީ ކުޑަކުދިންގެ ތަރައްގީއަށް ވަރަށް ގެއްލުން ހުރި ކަމެއް ކަމަށާއި އޭގެ އެންމެ ގޯސް ހާލަތުގައި ބަނޑުހައިހޫނުކަމުގައި މީހުން މަރުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެގޮތަށް ބަރު މީހުންނަކީ ވެސް ހަކުރުބައްޔާއި ހިތާއި ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު މީހުން ކަމަށް އިއްޒާތީ ވިދާޅުވިއެވެ.
ވިލާތުގެ ގައުމުތައް ފަދަ އާމްދަނީ ބޮޑު ގައުމުތަކަށްވުރެ ދަށް އަދި މެންދުފަންތީގެ އާމްދަނީ ލިބޭ ބައެއް ގައުމުތައް ކަމަށްވާ ކެރީބިއަން އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ބަރު މީހުންގެ އަދަދު އިތުރެވެ. ސްޕެއިން ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ބަރު މީހުންގެ ނިސްބަތް ދަށްވާން ފަށައިފައިވާ ކަމަށް ޕްރޮފެސާ އިއްޒާތި ވިދާޅުވިއެވެ.
ބަރު މީހުންގެ އަދަދު މަދުކުރުމަށް ނުވަތަ އެކަމަށް ހައްލެއް ގެނައުމަށް ހަކުރު ގިނަ އުފެއްދުންތަކުން ޓެކްސް ނެގުމާއި، ސްކޫލްތަކުގައި ދުޅަހެޔޮ ކާނާ ކެއުމަށް ހިތްވަރު ދިނުންފަދަ ކަންކަން އެކަށައަޅަންޖެހޭ ކަމަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވިއެވެ.