ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދުކޯންއާއި ފިލްމީތަރި ރަންވީރު ސިންގް މައިންބަފައިންނަށް ވާން އުޅޭކަން މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ދީޕިކާއާއި ރަންވީރު އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކޮށްފައިވާ ލޯބިލޯބި ޕޯސްޓަރުން އަންގައިދޭ ގޮތުގައި ދީޕިކާގެ ދަރިފުޅު އުފަންވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
ދީޕިކާ އަލަތު ދަރިފުޅަށް ބަލިވެއިންކަން ދެމަފިރިންގެ ފަރާތުން ޔަޤީންކޮށްދީފައިވަނީ ބަތަލާ ބަލިވެއިން ވާހަކަ މީގެ ހަފުތާއެއް ކުރިން މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނިކޮށެވެ. ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި މަޝްހޫރު ފިލްމީތަރިން ކަމަށްވާ ދީޕިކާއާއި ރަންވީރަށް ކުއްޖަކު ލިބޭކަމަށް ތުންތުން މަތިން ދެކެވެމުން އައި ވާހަކަތަކުގެ ހަގީގަތް ބަލާލަން ދެމަފިރިންގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް މިކަން ޔަގީންކޮށް ދިނުމުން ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ދެ މީހުންނަށް ވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ހަމައެއާއެކު ދެ ތަރިންގެ ސަޕޯޓަރުން ވެސް ވަނީ އެކަމާ އުފާ ފާޅުކޮށް މަރުހަބާ ކިޔާފައެވެ.
ހަ އަހަރު ދުވަސްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދީޕިކާއާއި ރަންވީރު ކައިވެނިކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ. މަޝްހޫރު ޓޯކް ޝޯވް 'ކޮފީ ވިތު ކަރަން'ގެ އެންމެ ފަހު ސީޒަންގައި ބައިވެރި އެޕިސޯޑެއްގައި ރަންވީރު ބުނެފައިވަނީ ދީޕިކާ ގާތު ކައިވެންޏަށް އެހީ ދިވެހިރާއްޖެއަށް ދެމީހުން އެކީގައި ކުރި ޗުއްޓީ ދަތުރެއްގައި ކަމަށެވެ. ދެ މީހުން ސިއްރިއްޔާތުގައި އެންގޭޖްވެގެން އުޅޭތާ ހަތަރު އަހަރަށް ފަހު ކައިވެނިކުރި ދުވަހަކީ ދެމަފިރިންގެ ހަޔާތުގައި ވެސް މިހާތަނަށް އައި އެންމެ އުފާވެރި ދުވަސް ކަމަށް ރަންވީރު ވަނީ މި އެޕިސޯޑުގައި ބުނެފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ 24ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ފައިޓާ"އިން އެންމެ ފަހުން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ މެއި މަހު ރިލީޒް ކުރަން ތާވަލުކުރެވިފައި އޮތް ފިލްމު "ކަލްކީ 2898" އިންނެވެ. މި ފިލްމަށް ފަހު މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގްހަމް3"އިން ވެސް ދީޕިކާ ބެލުންތެރިންނަށް ފެންނާނެއެވެ. ބަތަލާ އަލަތު ދަރިފުޅަށް ބަލިވެ އިނުމާ ގުޅިގެން އެޗްބީއޯގެ ކާމިޔާބު ޓީވީ ސިލްސިލާ "ވައިޓް ލޮޓަސް"އިން ލިބުނު ފުރުސަތު ވެސް ވަނީ ދޫކޮށްލާފައެވެ.