ޚިދުމަތް ފަށަން، އެއާ އެމްބިއުލާންސް ތައްޔާރުކޮށްފި

މިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ -- ފޮޓޯ/ މޯލްޑިވިއަން

ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ރާއްޖޭގައި ފަށާ އެއާ އެންބިއުލާންސްގެ ޚިދުމަތަށް ބޭނުންކުރާ އުޅަނދުގެ އެންމެ ފަހުގެ ތައްޔާރީތައް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ބައްލަވައިލައްވައިފިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް މިއަދު މިނިސްޓަރު އަމީން ވަޑައިގަތެވެ.

އެ ކުންފުނިން ވަނީ، މިނިސްޓަރު އެ ބޯޓުގެ އެތެރެއާއި ބޭރު ބައްލަވައިލައްވާ ފޮޓޯތައް ހިއްސާކޮށްފައެވެ.

މޯލްޑިވިއަންއިން އިތުރަށް ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ހެލްތު މިނިސްޓްރީއާއި އެންސްޕާއާ ގުޅިގެން އެއާ އެންބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެއާ އެންބިއުލާންސްގެ ޚިދުމަތް ދޭން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

މިދިޔަ މަހުގެ 29އިން 30އަށް އަމީން ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ރާއްޖެއިން ލަންކާއަށް އެއާ އެމްބިއުލާންސް އަދި އެ ނޫން ވެސް އެމަޖެންސީ ފްލައިޓުތައް އޮޕަރޭޓުކުރަން ބޭނުންވާ އެންމެހައި ހުއްދައެއް ގިނަވެގެން ދެ ގަޑިއިރު ތެރޭގައި ހަމަޖައްސަން އެއްބަސްވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ -- ފޮޓޯ/ މިނިސްޓަރު މުޙައްމަދު އަމީން، އެކްސް

އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

https://sun.mv/189233

އެއާ އެމްބިއުލާންސްގެ އިތުރުން، އަވަށްޓެރި ގައުމުތަކުގެ އިތުރުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ތައިލެންޑު ފަދަ ގައުމުތަކުން ދިވެހީންނަށް އާސަންދަ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް