އާބާދީއަށް އަންނަ ބަދަލަށް ބިނާކުރަނިވި ހައްލު ހޯދަންޖެހޭ: ޔޫއެންއެފްޕީއޭ

އޭޕްރީލް 15، 2020: މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ބިނާކުރުވަނިވި ޙައްލުތަކެއް ހޯދަން އދ.ގެ އާބާދީ ޖަމިއްޔާ (ޔޫއެންއެފްޕީއޭ)އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން އެފަދައިން ގޮވާލައިފައިވަނީ އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ޔޫއެންއެފްޕީއޭއިން ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު ޕިއޯ ސުމިތު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

މި ޒިޔާރަތުގެ ތެރެއިން ސުމިތު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ޖޯގްރަފިކްގޮތުން ވަރަށް ބޮޑަށް ބެހިފައި އޮތުމާއި، ރަށްރަށުގެ އެކަހެރިކަން ފާހަގަކުރެއްވައިފައެވެ.

މިއީ އަސާސީ އުފަންވެނި ޞިއްޙަތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިކުރުވާ ސަބަބެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

"ޒުވާނުން ބާރުވެރިކުރުވުން ހަމައެކަނި ތަޢުލީމުދިނުމަށްވުރެ ފުޅާ ދާއިރާއެއްގައި ހިމެނޭ. އޭގެ ތެރޭގައި އެ މީހުންގެ އަޑު އިއްވާ ދިނުމާއި، އެ މީހުންގެ ޕޮޓެންޝަލްއާއި ހަމައަށް ވާސިލުވުމަށް އެހީތެރިވުން ހިމެނޭ،" ސްމިތު އިތުރަށް ވިދާޅުވިއެވެ.

އޭޝިއާގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ދަރިމައިވާ ނިސްބަތް ނުވަތަ މިންވަރު ދަށަށް ދިއުމާއި، އާބާދީ މުސްކުޅިވަމުން ދިއުމުގެ ސަބަބުން ދުވަސްވެފައިވާ މީހުންގެ މައްޗަށް އެކުލެވޭ އާބާދީއަކަށް ބަދަލުވަމުން ދިއުމުގެ ސަބަބުން ބިނާކުރުވަނިވި އިޖުތިމާޢީ އަދި އިޤުތިޞާދީ ސިޔާސަތުތަކެއްގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާކަމަށް ޔޫއެންއެފްޕީއޭއިން ބުނެއެެވެ.

އެންމެ ފަހުން ހެދި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން މަސައްކަތްކުރާ އުމުރުފުރާގެ އާބާދީ ދަށަށް ދާއިރު، ދުވަސްވީ މީހުންގެ އާބާދީ ދަނީ އިތުރުވަމުންނެވެ.

އެހެންވެ، ހުރިހާ ޖީލަކަށް އަމާޒުކޮށްގެން ދެމެހެއްޓެނިވި ތަރައްޤީއެއް ގެނައުމަށް ބޭނުންވާ ސިޔާސަތުތައް މިހާރު ވަނީ އަލުން މުރާޖަޢާކުރަން ޖެހިފައިވާކަމަށް ޔޫއެންއެފްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން، ޒުވާނުންނަށް ތަޢުލީމުގެ ރޮނގުން ޙާސިލުކުރެވޭ ކާމިޔާބީތަކާއި ދިރިއުޅުމުގެ ގޮންޖެހުންތަކަށް އެ މީހުން ތައްޔާރުވެފައިވޭތޯ ޔަގީންކުރުމަށްޓަކައި، ރާއްޖޭގައި ހިންގޭ ޕްރޮގްރާމްތަކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް ހިމެނުމުގެ ބޭނުންތެރިކަން ޔޫއެންއެފްޕީއޭއިން ފާހަގަކުރެއެވެ.

މިގޮތުން 1000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ޖަމާޢަތްތަކުގެ ބޭނުންތަކަށް ވިސްނައިގެން، އެ ތަނަކާއި ޙާލަތާ ގުޅޭ ހައްލުތަކެއް ހޯދުމަށް ޔޫއެންއެފްޕީއޭއިން ދަނީ ވަކާލާތުކުރަމުންނެވެ.

ކޮންމެހެން ބޭނުން އަސާސީ ޞިއްޙީ ޚިދުމަތްތަކަށް އަމާޒުކޮށް ރަށްރަށުގެ މެދުގައި ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުންތައް ހަރުދަނާކުރުމާއި، ބަލިބައްޔާއި ޞިއްޙީ މައްސަލަތައް މެދުވެރިވުމުގެ ކުރިން ހުއްޓުވުމަކީ އިސްކަންދޭ ކަމެއްކަމަށް ޔޫއެންއެފްޕީއޭއިން ހާމަކޮށްފައިވެއެެވެ. މިކަމުގެ ސަބަބުން ޞިއްޙީ ފަރުވާ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކޮށް ލިބެން ހުންނާނެކަން ކަށަވަރުކުރެވިގެންދާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ޔޫއެންއެފްޕީއޭއިން ދަނީ ދިވެހިރާއްޖޭގެ ކުރިމަގަށް ކޮންމެހެން މުހިއްމު ބައެއްކަމަށްވާ ޒުވާނުން ބާރުވެރިކުރުވުމަށް އިސް ސަފުގައި މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް