ފޭސްބުކްގެ ބެލެނިވެރި، ޝޯޝަލް މީޑިއާ ޕްލެޓްފޯމް 'ތްރެޑްސް'ގެ ޕޯސްޓްތައް ސޭވްކޮށްލެވޭ ގޮތަށް އާ ފީޗާއެއް ތަޢާރަފްކޮށްފިއެވެ.
މި ފީޗާ މެދުވެރިކޮށް އެ މީހަކު ގަޔާވާ ނުވަތަ ހިތްހަމަޖެހޭ ޕޯސްޓްތައް ފަހަށް ރައްކާކޮށްލުމަށް ސޭވް ނުވަތަ ބުކްމާކް ކުރެވޭނެއެވެ.
ތްރެޑްސްއިން މި ފީޗާ އެންމެ ފުރަތަމަ އިއުލާނުކުރީ މި މަހުގެ ކުރީކޮޅުއެވެ. އޭރު އެ ފީޗާ ޓެސްޓު ކުރަމުން ދިޔައީ މަދު އަދަދެއްގެ މީހުންނާ އެކުއެވެ. ނަމަވެސް މިހާރު މި ފީޗާ ފުޅާ ދާއިރާއެއްގައި ތައާރަފްކުރަމުން އަންނައިރު، ވަރަށް އަވަހަށް ގިނަ ކަސްޓަމަރުންނަށް އެ މީހުންގެ އެޕްލިކޭޝަނުން މި ފީޗާއަށް އެކްސެސް ލިބޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބައެއް ފަރާތްތަކުން ހިއްސާކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު، މި ފީޗާ މިހާރު ގިނަ ބަޔަކަށް ވަނީ ލިބިފައެވެ.
އެކްސްއާއި ވާދަކުރަމުން އަންނަ ތްރެޑްސްއިން ދާދި ފަހުން ވަނީ އެކްސް އެކޭ އެއްގޮތަށް ޓްރެންޑިން ޕޯސްޓްތައް ނުވަތަ އެދުވަސްރެއްގައި އެންމެ ގިނައިން ހިނގާ މައުޟޫތައް ފެންނަ ފީޗާއެއްވެސް ތައާރަފްކޮށްފައެވެ.
އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ވަނީ ސޭވްކޮށްފައިވާ ޕޯސްޓުތަކުގެ ފީޗާ ރޯލް އައުޓް ކުރިކަން ތްރެޑްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އިއުލާންކޮށްފައެވެ.
"ސޭވް އޮން ތްރެޑްސް މިއަދުން ފެށިގެން މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ރޯލް ކުރަމުން މިދަނީ، އެހެންވީމަ ފަހުން ފޭވަރިޓް ޕޯސްޓްތައް ބުކްމާކް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ޕޯސްޓްތައް "ބުކްމާކް" ނުވަތަ "ސޭވް" ކުރުމުގެ ގާބިލުކަން މިއަދުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އަދިވެސް އެހާ ޢާންމެއް ނޫނެވެ.
ތްރެޑްސްގައި ޕޯސްޓެއް ސޭވް ކުރުމަށް ޓަކައި ކޮންމެ ޕޯސްޓެއްގެ އެންމެ މަތީ ކަނާތް ފަރާތުގައި ވާ ތިން ތިކި މެނޫއަށް ކްލިކް ކޮށްލުމަށްފަހު އޮޕްޝަންތަކުގެ ލިސްޓުން ސޭވްއަށް ޓެޕްކޮށްލާށެވެ. ޕޯސްޓް ސޭވްކޮށްފައިވާކަން ކަށަވަރުކޮށް ދިނުމަށް ނޯޓިފިކޭޝަނެއް ލިބޭނެއެވެ.
ސޭވް ކުރުމުން އެ ޕޯސްޓް ސޭވް ސެކްޝަނުގައި ލިސްޓު ކުރާނެއެވެ.
މިފަދަ އާ ފީޗާސްތަކާއެކު ތްރެޑްސްގެ މަގުބޫލުކަން ގިނަބައެއްގެ މެދުގައި މިހާރުވެސް ދަނީ އިތުރުވަމުންނެވެ.