ޕާކިސްތާނުގައި އަރަބި ލަފުޒެއް ލިޔެފައިވާ ހެދުމެއް ލުމުން، މަރަން ގޮވާލައިފި

ފުލުހުން އަންހެން މީހާ ޖިލްބާބެއް ލައްވައި، މޫނު ނިވާކޮށްގެން ގެންދަނީ ---

ޕާކިސްތާނުގެ ވެރިރަށް ލާހޯރުގައި އަންހެނަކު އަރަބި ލަފުޒެއް ލިޔެފައިވާ ހެދުމެއް ލުމުން، އެއީ ގުރުއާނުގެ އާޔަތް ލިޔެފައިވާ ހެދުމެއް ކަމަށް ލަފާކުރި ބަޔަކު އެ އަންހެން މީހާ މަރާލަން ގޮވާލައި، ހަމަލާ ދޭން މަސައްކަތްކޮށްފިއެވެ.

ޕާކިސްތާނުގެ ނޫހެއްގައިވާ ގޮތުން އިއްޔެ އެ ހާދިސާ ހިނގީ ލާހޯރުގައި ގިނަ އަދަދެއްގެ މީހުން އެއްވެ އުޅޭ ބާޒާރެެއްގައެވެ.

އެ މައްސަލަ ފެށުނީ އެ އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ލިޔެފައިވަނީ ގުރުއާނުގެ އާޔަތްތަކެއް ކަމަށް މީހަކު ބުނުމުން ކަމަށާއި އެއާއެކު އެތަނުގައި ތިބި ބަޔަކު ރުޅިގަދަވެ، އަންހެން މީހާ ކައިރިއަށް އެއްވާން ފެށި ކަމަށް އެ ނޫހުގައިވެއެވެ.

ނަމަވެސް އަންހެން މީހާގެ ހެދުމުގައި ލިޔެފައި ވަނީ އަރަބި ބަހުން 'ހަލްވާ' ކަމަށް ބުނެ، އެ ބާޒާރުގައި ތިބި ފޭރާން ވިއްކާ މީހުން އެ އަންހެން މީހާ ހިމާޔަތް ކޮށްދިން ކަމަށް ނޫހުގައިވެއެވެ.

އެ ހާދިސާގެ ވީޑިއޯއިން އެ އަންހެން މީހާ ފިހާރައެއްގެ ތެރޭގައި ބިރުގަނެފައި ހުންނަ މަންޒަރު ފެނެއެވެ. އަދި ބަޔަކު އޭނާ ހިމާޔަތް ކުރަން މަސައްކަތް ކުރާއިރު ނުރުހުންވެފައި ތިބި ބަޔަކު، ހަޅޭއްލަވާ މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

އެ މައްސަލައާ ގުޅިގެން އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވީ އަންހެން ފުލުހެކެވެ. އެގޮތުން އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޝެހްރުބާނޫ ނަގްވީ އެތަނަށް އެއްވެފައި ތިބި މީހުންނާ ކުރިމަތިލައި، އެމީހުންނާ ވާހަކަ ދައްކަން މަސައްކަތްކުރާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އޭނާގެ ވާހަކައިގައި، އަންހެން މީހާގެ ހެދުމުގައި އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް ލިޔުމެއް ނެތް ކަމަށް ބުނެދީ، ފުލުހުންނަށް އިތުބާރު ކުރުމަށް އެދުނެވެ.

އެއަށްފަހު، އަންހެން މީހާ ޖިލްބާބެއް ލައްވައި، މޫނު ފޯރުވައިގެން، އެ ތަނުން ރައްކާތެރިކަމާއެކު ގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް އަންހެން މީހާ ގެންދާއިރު ވެސް, އޭނާގެ ބޯބުރިކުރަން ގޮވާލާ އަޑު ވީޑިއޯއިން އިވެއެވެ.

އަންހެން މީހާ ލައިގެން ހުރި ހެދުމުގައި ހުރި ޑިޒައިން: އެ ހެދުމުގައި ލިޔެފައި ވަނީ 'ހަލްވާ' އެ ލަފުޒު --

އެ އަންހެން މީހާއަށް ޕޮލިސް ސްޓޭޝަންގައި ހިމާޔަތް ދިނުމަށް ފަހު ފޮނުވާލާފައިވާ ކަމަށާއި އޭގެ ފަހުން އޭނާ ލާހޯރު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާ ވަނީ މައާފަށް އެދި، އޭނާއަކީ ދީނީ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ، އިސްލާމް ދީނަށް ކުޑައިމީސްވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް