ދަރިފުޅު ޒޯޔާ އެކްޓިން ފެނި ނިއުމާއަށް ރޮވިއްޖެ

ލަސްވިޔަސް ޝޫޓިންގެ ތެރެއިން ނިއުމާ މުހައްމަދު އޭނާ ދަރިފުޅު ޒޯޔާ ހަސަން އާއެކު --- ފޮޓޯ : އިޓާނަލް ޕިކްޗާސް

މުހައްމަދު ނިޔާޒް (ޓެޑްރީ)ގެ އިޓާނަލް ޕިކްޗާސްގެ އެންމެ އިންތިޒާރު ކުރާ ފިލްމު ކަމަށްވާ "ލަސްވިޔަސް" ރިލީޒްކުރާ ދުވަސް ކައިރިވަނީއެވެ. އެއާއެކު އެންމެ ގިނަ ބައެއްގެ ސަމާލުކަން އޮތީ ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު ތަރި ކަމަށްވާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަންގެ އެކްޓިން އަށެވެ. ފިލްމު އާންމުންނާ ހަމައަށް އައުމުގެ ކުރިން ނިއުމާ ވަނީ ޒޯޔާގެ އެކްޓިންގެ ވާހަކަތައް ކިޔައިދީފައެވެ.

ޓެޑްރީގެ ލަސްވިޔަސްއާ އެކު ޒޯޔާ ދިވެހި ފިލްމު އިންޑަސްޓްރީގައި އެކްޓިން ޑެބިއޫ ކުރާނެއެވެ. އުމުރުން 15 އަހަރުގެ ޒޯޔާގެ އެކްޓިން އާ މެދު މީގެ ކުރީން ވެސް ޕްރޮޑަކްޝަނުން ވަނީ ތައުރީފުތަކެއް ކޮށްފައެވެ.

ނަމަވެސް އެންމެފަހުން ޒޯޔާގެ މަންމަ ވެސް ވަނީ އެކްޓިން އަށް ތައުރީފުކޮށްފައެވެ. ސޯޝަލް މީޑިއާއަށް އާންމުކުރި ޕޯސްޓެއްގައި ނިއުމާ ފާހަގަކޮށްފައިވަނީ އޭނާގެ އެކްޓިން ކެރިއަރުގައި ވެސް އެކްޓު ކޮށްފައިނުވާ ފެންވަރުގައި ޒޯޔާ އެކްޓު ކޮށްލާފައިވާ ކަމަށެވެ.

ލަސްވިޔަސްގައި ޒޯޔާ ކުޅެފައިވާ ރޯލާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް ނިއުމާ އިޝާާރާތް ކޮށް ބުނެފައިވަނީ ޒޯޔާ އާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ. އަދި، އެ ކެރެކްޓަރު ހަމަ ރަނގަޅަށް ވެސް ނިއުމާ ރޮއްވާލާފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ. އެގޮތުން ޒޯޔާ ކުޅޭނީ ބަލި ކުއްޖެއްގެ ރޯލެވެ.

މި ފިލްމުގައި ޒޯޔާގެ ރޯލާ ގުޅޭގޮތުން އިޓާނަލް ޕިކްޗާސްއިން ބުނެފައިވަނީ ފިލްމުގެ ކްލައިމެކްސްގައި ހަތް މިނެޓުގެ ވަރުގަދަ ސީނެއް ހިމެނޭ ކަމަށެވެ. އަދި، މި ސީންގައި ޒޯޔާގެ ފަރާތުން ފެންނަ އެކްޓިން އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވެސް މިހާތަނަށް ފެންނާނެ އެންމެ "އިންޓެންސް" އެއް މަންޒަރަށް ވާނެ ކަމަށް އިޓާނަލް ޕިކްޗާސްއިން ބުނެއެވެ.

އަންނަ އޭޕްރިލް މަހުގެ 12 ގައި ފިލްމު ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓެޑްރީ 1994 ވަނަ އަހަރު ނެރުނު ފިލްމު "ދެރިޔާ" އަށް ފަހު ގެނެސްދޭ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް