ހުޅުމާލޭ ދެވަނަ ފިޔަވަހީގެ H-11 ސަރަހައްދު ކައިރިން ފުލުހުންނަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 11ވަނަ ދުވަހުގެ 13:20ހާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި، އާންމު ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް، ފުލުހުންގެ އެންގުމަށް މަޑުނުކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިޔަ ކަމަށެވެ.
މި މައްސަލައިގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ H-11 ސަރަހައްދު ކައިރިން ފުލުހުން ވަނީ އެ ސައިކަލު ހުއްޓުވައި، އޭގައި އިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ސައިކަލުގައި އިން މީހާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާ އެކު، އެ ސަރަހައްދުގައި އާންމު މަސްލަހަތު ގެއްލޭގޮތަށް، އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ނިސްބަތްކޮށް އިންޒާރުދީފައިވާ އެ އިދާރާއިން ހާމަކޮށްފައިވެއެެވެ.
މި މައްސަލައާ ގުޅިގެން އެކި ދުވަސްމަތިން ކޯޓު އަމުރުގެ ދަށުން ހަތަރު މީހަކު ހައްޔަރު ކުރި އިރު، އެއީ 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެއްކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ލ. ގަމުން ހައްޔަރުކުރިއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރިއެވެ. ފުލުހުން ބުނީ އޭނާ ކަފާލާތުގެ ދަށުން އެހެން މީހަކު ޖާމިނުކުރުމުން، 30 ދުވަހު މުއްދަތަކަށް ގެއިން އެއްގޮތަކަށް ވެސް ނުނިކުންނަ ގޮތަކަށް ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގައި 21 އަހަރުގެ ދެމީހުންނާއި 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. މި ތިން މީހުންގެ ބަންދާމެެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން 21 އަހަރުގެ މީހާ ދެދުވަހަށް، އަދި 21 އަހަރުގެ އަނެއް މީހާއާއި 24 އަހަރުގެ މީހާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ބަލަމުންދާ ކަމަށެވެ.