ތުރުކީން ކާޑު ގެނައުން ލަސްވަނީ ރަތްކަނޑުގެ ހާލަތާ ހެދި: އެސްޓީއޯ

ކާޑުގެ ބާވަތްތައް އުފުލަނީ: ރާއްޖެ ގެންނަ ކާޑުގެ ބާވަތްތައް ލަސްވަނީ ރަތް ކަނޑުގެ ހާލަތުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތުރުކީން ރާއްޖެއަށް ކާޑު ގެނައުން ލަސްވަނީ ރަތްކަނޑުގައި ޔަމަނުގެ ހޫތީން ދޭ ހަމަލާތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ ސަބަބުން ކަމަށް އެސްޓީއޯއިން މިއަދު ބުނެފިއެވެ.

ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަށް ބަރޯސާވުން ހުއްޓައިލުމުގެ ގޮތުން މި ސަރުކާރުން ވަނީ ތުރުކީން އެ ތަކެތި ގެންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ، ކާޑުގެ ބާވަތްތައް 'ރެޑް ސީ އިޝޫ'އާ ހުރެ ރާއްޖެ އަންނާނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އަދި ތުރުކީން އެތެރެކުރަނީ ހަމައެކަނި ކާޑުގެ ބާވަތްތައް ކަމަށެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއަކީ ޓްރޭޑިން ކުންފުންޏަކަށް ވުމުން އަބަދު ވެސް ތަފާތު އެކި ގައުމުތަކުން ތަކެތި އެތެރެކުރާ ކަމަށެވެ. އެގޮތުން މީގެ ކުރިން ވެސް ދުބާއީން ހަކުރު ގެނެސް ލަންކާއިން ފުށް ގެންނަކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ސަރުކާރުން ހިލޭ ބަހަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފައެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ޔަމަނުގެ ރަތް ކަނޑުގައި ހޫތީން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ބޯޓުފަހަރު އަންނަނީ އެހެން މަގުތަކުން ދަތުރުކުރަމުންނެވެ.

comment ކޮމެންޓް