ޑައިރެކްޓަރު ފަރްހާން އަހްތަރުގެ ކުރިއަށް އޮތް ފިލްމު "ޑޮން3"ގެ ލީޑް ރޯލް ކުޅޭ ރަންވީރް ސިންގް އަދި ކިއާރާ އަދްވާނީ ހާއްސަ މާޝަލް އާޓްސް ތަމްރީނުތަކެއް ހަދަން ނިންމާފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ފެށޭ މާޗު މަހު ފެށުމަށް ތައްޔާރުވަމުން އަންނަ މާޝަލް އާޓްސް ތަމްރީނުތައް ދޭނީ ތައިލޭންޑްގެ ކަމާގުޅޭ ތަޖުރިބާކާރުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
މި ފިލްމަކީ ވަރަށް ގިނަ އެކްޝަން ސީންތަކާ އެކު ސްޓަންޓްތައް ހިމެނޭ ފިލްމަކަށްވެފައި ބަތަލާ ކިއާރާ އަދި ރަންވީރަށް އެކަމާ ގުޅޭ ހާއްސަ ތަމްރީނުތައް ދޭން ބޭނުން ވަނީ ކަމަށް އެންމެ އެކަށީގެންވާ މީހުންގެ އެހީގައި ކަމަށް ފަރްހާނު ވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ. މިދިޔަ އަހަރު ރިލީޒްކުރި ގިނަ ފިލްމުތަކުން ފެނިފައިވާ އެކްޝަން ސްޓަންޓްތަކާ ވީހާ ވެސް ތަފާތު މަންޒަރުތަކެއް "ޑޮން3"އިން ދައްކަން ފަރްހާން ބޭނުންވާ ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމުގައި ހިމަނާ އެކްޝަން ސީންތަކަށް އިންޑިއާގެ ކޮރިއަގްރާފަރުންގެ އިތުރުން ބޭރުންގެ ބައެއް ކޮރިއަގްރާފަރުންގެ މަޝްވަރާ ވެސް ހޯދަމުން އަންނަ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ޑައިރެކްޓަރު ފަރްހާން އަހްތަރު އަދި ރަންވީރު ސިންގް-- ފޮޓޯ/ ބޮލީވުޑްހަންގާމާ
މި ފިލްމަކީ، ބަތަލާ ކިއާރާ އަދުވާނީ އެކްޝަން ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރު ވެސް މެއެވެ.
ފިލްމު "ޑޮން3"އިން ފުރުސަތު ލިބުމާ ގުޅިގެން ބަތަލާ ބުނެފައިވަނީ މިހާތަނަށް އޭނާއަށް ހަމައެކަނި ނުކުޅެވޭ ރޯލަކީ އެކްޝަން ރޯލެއް ކަމަށެވެ. އެހެންވެ، މިއީ އެކްޝަން ޖޯންރާގެ ފެށުންކަމަށް ކިއާރާ ވަނީ ބުނެފައެވެ.
ކިއާރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"އިންނެވެ.