ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ބަތަލާ ކަރިޝްމާ ކަޕޫރު އެމެރިކާގެ ބޮސްޓޮންގައި ހުންނަ ހާވާޑް ބިޒްނަސް ސްކޫލްގެ ދަރިވަރުންނާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުމަކީ ހާވާޑްގެ ފަރާތުން ބޭއްވި އިންޑިއާ ކޮންފަރެންސްގައި ބައިވެރިވުމުގެ ގޮތުން ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ކަރިޝްމާ ކަޕޫރުގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ކޮންފަރެންސްގައި ސްޕީކާއެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި ޝަރަފެއް ކަމުގައެވެ.
ކޮންމެ އަހަރަކު އެއް ފަހަރު ހާވާޑުގައި ބާއްވާ މި ކޮންފަރެންސަކީ، އެކި ދާއިރާތަކުގެ ލީޑަރުން އެއްތަނަކުން އެއްވެ، އިންޑިޔާއާ ގުޅުންހުރި މުހިއްމު މައްސަލަތަކާއި ދުނިޔޭގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
ކަރިޝްމާއާ އެކު ކޮއްކޮ އަދި ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު ޚާން ވެސް މި ކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް ކަރީނާ ބައިވެރިވީ ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ.
މި ކޮންފަރެންސްގެ ތެރެއިން ދަރިވަރުންނަށް ކަރިޝްމާގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެއެވެ. އޭގެ ތެރޭގައި ފިރިހެނުންގެ ނުފޫޒު އޮތް އިންޑަސްޓްރީއެއްގައި ނުވަދިހައިގެ އަހަރުތަކުގައި ވެސް ފިލްމީ ދާއިރާއިން ކާމިޔާބީ ހޯދުމުގައި ބަތަލާއަށް ކުރިމަތިވި ތަޖުރިބާތައް ދަރިވަރުންނާ ވަނީ ހިއްސާކޮށްފައެވެ.
ކަރިޝްމާ ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑޭންޖަރަސް އިޝްޤް"އިންނެވެ.
ފިލްމީ ދާއިރާއާއި ދުރުގައި ހުރި ނަމަވެސް ކަރިޝްމާ ވަނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި 2020ވަނަ އަހަރު ޒީ5 އިން ދެއްކި "މެންޓަލް ހުޑް" ނަމަކަށް ކިޔާ ވެބް ސީރީސްއެއް ހިމެނެއެވެ.
ކަރިޝްމާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިޔަށް އޮތް މާޗް މަހުގެ 15އިގައި ނެޓްފްލިކްސްއިން ޕްރިމިއަކުރާ "މާޑާ މުބާރަކް"އިންނެވެ.