ހުކުމުން އަނަސްގެ ބައްޕަގެ ހިތް މަރާލައިފި، ''ޔަގީންކަން ގެއްލިއްޖެ''

މަރުހޫމް އަނަސްގެ އާއިލާގެ އިސްނެގުމުގެ މަތިން ރ.މީދޫގައި ބޭއްވި އިންސާފުގެ ހިނގާލުމުގައި އަނަސްގެ ބައްޕަ އަދި އަންހެން ކޮއްކޮ: އިއްޔެގެ ހުކުމާ އެކު ބައްޕައަށް އޮތީ މާޔޫސްކަން ---- ފޮޓޯ/ ނާޝިތު

ތޫނު އެއްޗެއް ބޭނުން ކޮށްގެން އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި އިންސާފު ލިބޭނެކަމާ މެދު މިހާރު އެއްވެސް އުންމީދެއް ނެތް ކަމަށް އަނަސްގެ ބައްޕަ އަބްދުއްރާފިއު އިބްރާހީމް މިއަދު ބުނެފިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް މީހެއްގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އިއްޔެ އިއްވި ހުކުމް އިސްތިއުނާފު ކުރުމާ މެދު ވިސްނާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވަނީ ބުނެފައެވެ.

"ސަން"އާ ވާހަކަ ދައްކަމުން އަނަސްގެ ބައްޕަ ރާފިއު ބުނީ އަނަސްގެ މަރުގެ މައްސަލައިގައި އިންސާފު ލިބެން 40 އަހަރު ވެސް ނަގާފާނެ ކަމަށާއި، އިންސާފު ލިބުމާ ދޭތެރޭގައި އޮތް އުންމީދު މުޅީން ގެއްލިފައިވާ ކަމަށެވެ.

"އަނަސްގެ މަރާ ގުޅޭ ގޮތުން ނެތް ދެން ބުނާނެ އެއްޗެއް. [ޖުމުލަ] 24 ތަނަށް ވަޅިޖަހާފައި ހުރިކަން އެނގެނީ. އިންސާފު ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް، 40 އަހަރު ވެސް ވެދާނެ އިންސާފު ލިބެން،" ދަރިފުޅުގެ މަރަށް އިންސާފަށް އެދިއެދި ހުރި ބައްޕަ އިހުސާސްތައް ބަންޑުންކޮށްލިއެވެ.

އަނަސްއަށް ހަމަލާދީފައިވަނީ ސައިކަލު ތަކެއްގައި އައި ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ތުހުމަތު ކުރިއެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އަނަސްގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައި ހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމްތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.

އަނަސްއަށް ހަމަލާދިން ވީޑިއޯ ވެސް މީސްމީޑިއާގައި ދައުރުވިއެވެ. އެ މީހުން ހަމަލާދީ، ޒަޚަމުކޮށްލައިތަން ސާފުކޮށް ފެނެއެވެ. ފެންނަން ނެތީ އިންސާފު ލިބޭނެ ކޮޅެކެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެކު ދަރިފުޅުގެ މަރަށް އިންސާފަށް އެދިއެދި ހުރި ބައްޕަ އެ ހުރީ މާޔޫސްކަމުގައެވެ.

comment ކޮމެންޓް