ރޯދަ މަހަށް ކަނޑޫދޫ ދަނޑުތައް މިރުހުން ތިޔާގިވެފައި!

ކަނޑޫދޫ މިރުސް ދަނޑެއް. ރޯދަ މަހަށްވެފައިވާ ތައްޔާރީތަކާއެކު މި ރަށުގެ މިރުސް ދަނޑުތައް ވަނީ މިރުހުން ފުރިފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

ރޯދަމަހު އެންމެ ޑިމާންޑު ބޮޑުވާ އެއް ބާވަތްކަމަށްވާ ދިވެހީންގެ މެދުގައި މަގުބޫލު ކަނޑޫދޫ މިރުސް މާރުކޭޓަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތާއެކު ތ. ކަނޑޫދޫގެ ދަނޑުތައް މިރުހުން ފުރައިލައިފިއެވެ.

ކަނޑޫދޫ ދަނޑުުވެރިން ރޯދައަށް ތައްޔާރުވުމުގެ މަސައްކަތް ފަށައި، މިހާރު ގިނަ ދަނޑުތަކުގައި ހުރީ މިރުސް އަޅައިފައެވެ. ހަމައެއާއެކު ރޯދަ މަހުގެ އެކި ދުވަސްތަކަށް ތައްޔާރުވުމުގެ ގޮތުން ވެސް ދަނޑުތަކުގައި މިރުސް ހެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގައި އުޅޭ ދަނޑުވެރިއަކު ބުނި ގޮތުގައި މިހާރު ވެސް ކަނޑޫދޫގެ ދަނޑުތަކުން ޓަނެއްހައި މިރުސް ހަފުތާއެއް ތެރޭ ބާޒާރަށް ނެރެވެއެވެ. އެއީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ލައްކައެއްހައި ރުފިޔާގެ ފައިދާއެވެ.

އެއާއެކު މި ފަހަރުގެ ރޯދަ މަހު، ކުރިއަށްވުރެ ގިނައިން މިރުސް ބާޒާރަށް ނެރި، އަގު ހިފެހެއްޓޭނެކަމަށް އޭނާ ބުންޏެވެ.

"މިދިޔަ އަހަރަށްވުރެ ގިިނައިން ނެރެ، އަގު ހީވަނީ މިފަހަރު ހިފެހެއްޓޭނެހެން،" އޭނާ ކިޔައިދިނެެވެ.

ކަނޑޫދޫ މިރުސް ދަނޑެއްގެ މިރުސް ގަހެއްގައި މިރުހެއް -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ހަފީޒް

ދަނޑުވެރިކަންކުރަނީ އެންމެ ޒަމާނީކޮށް

އޭނާ ކިޔައިދިން ގޮތުގައި މަސައްކަތް ތަރައްގީވަމުން އައިސް، ކަނޑޫދޫ ދަނޑުވެރިން މި މަސައްކަތް ކުރުމަށް މިހާރު ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކެވެ.

އެގޮތުން ދަނޑުތަކުގައި، ވިނަ ފެޅުމާއި، އެ ނޫން ވެސް ކުދިކުދި ގަސްގަސް ހެދުން ހުއްޓުވުމަށް މިހާރު ފަސްގަނޑުގައި، ޚާއްސަ މެޓެއް ބޭނުންކުރެއެވެ. މިއީ ދަނޑުތައް ސާފުކުރުމަށް ކުރަންޖެހޭ މަސައްކަތް ލުއިވެ، ދަނޑުތަކުގައި އެކި ބާވަތުގެ ދިރޭ ސޫފި އާލާވުން ވެސް މަދުވާނެ ކަމެއް ކަމަށް ދަނޑުވެރިން ބުނެއެވެ.

"މިއީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ފަސޭހަ ކަމެއް. ވަރަށް ލުއި ގޮތަކަށް މިހާރު މި ކަން ކުރަނީ. މި ރަށުގެ ގިނަ ދަނޑުތަކުގައިި މިހާރު މި މެޓު އަޅާ،" ދަނޑުވެރިޔަކު ބުންޏެވެ.

އޭނާ ބުނީ ދަނޑުވެރިކަމަކީ ކަނޑޫދޫގައި އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތް ކަމަށެވެ. ކިޔަވައިގެން ނިކުންނަ ޒުވާނުން ވެސް މި މަސައްކަތުގައި މިހާރު ބައިވެރިވަމުން އަންނަ ކަމަށް ވެސް ރަށުުގެ ރައްޔިތުން ބުނެއެވެ.

އެއާއެކު މުސްތަގުބަލުގައި މި މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމަކީ ރަށުގެ ހުރިހާ ރައްޔިތުން ވެސް އެދޭ ގޮތްކަމަށް ބުންޏެވެ.

comment ކޮމެންޓް