މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މިއަދަށް ތާވަލުކުރި ޖަލްސާ ވަނީ ކެންސަލްކޮށްފައި -- ފޮޓޯ/ މަޖިލިސް

މިއަދު ހެނދުނަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

މި ހިނގާ އަހަރުގެ ފުރަތަމަ ދައުރުގެ 10 ވަނަ ޖަލްސާ ނިންމައިލައްވަމުން އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ، ފެބްރުއަރީ 26، 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ.

އެ ދުވަހު، މިއަދަށް ޖަލްސާއެއް ތާވަލުކުރި ނަމަވެސް މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއެއް ބާއްވައިފައެއް ނުވެއެވެ.

އެ ކަމާ ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިއާއުއާ ސުވާލުކުރުމުން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާ ނޯންނާނެ ކަމަށެވެ. އެކަމަކު، ޖަލްސާ ކެންސަލްކުރަން ޖެހުނު ސަބަބެއް އޭނާ ސާފުކޮށްދެއްވައިފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ، ޖަލްސާ ނޯންނާނެ ކަމަށެވެ.

މިއަދުގެ 11:00 އަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވެސް ތާވަލުކުރިއެވެ. އެކަމަކު، 10 ޖެހިފަހުން އެ ކޮމިޓީގެ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

ކޮމިޓީއަށް އެޖެންޑާކޮށްފައި އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭނެ ކަމަށް ގެޒެޓު ކުރެވިފައިވާ އެންމެހައި މީހުންނަށް އަދި ކަމުގެ މަސްލަހަތު އޮތް އެންމެންގެ ފުލެޓު ބާތިލުނުކުރާން އެދި ހުށަހަޅާފައި އޮތް ޕެޓިޝަނެއް ދިރާސާކުރުމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ފަހުން ބޭއްވި މި ދައުރުގެ 10 ވަނަ ޖަލްސާ ވެސް ހާޒިރީ ދަށްވުމުގެ ސަބަބުން ކޯރަމް ހަމަނުވެގެން ނުފެށި ލަސްވެގެން ދިޔައެވެ. އެ ދުވަހުގެ ޖަލްސާ ފެށުނީ ޖަލްސާ ފަށަން އޮތް ގަޑިއަށް ވުރެ ގަޑިއިރަކަށްވުރެ ގިނައިރު ފަހުންނެވެ.

މަޖިލީހުގެ ޖަލްސާ ފަށަން ގާނޫނު އަސާސީ ބުނާ ގޮތުން 22 މެންބަރުން ހަމަވާން ޖެހެއެވެ.

މިއަދުގެ ޖަލްސާ ވެސް ނުބޭއްވުނުއިރު، މި ހިނގާ 19 ވަނަ މަޖިލީހަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ވަނީ ކޮށްފައެވެ. އެގޮތުން، މިހާތަނަށް މި މަޖިލީހަށް 882 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

comment ކޮމެންޓް