ހަނގުރާމައިގައި މިހާތަނަށް 31،000 ސިފައިން މަރުވެއްޖެ: ޒެލެންސްކީ

ހަނގުރާމައިގައި މަރުވި ޔޫކްރޭން މީހެއްގެ ހަށިގަނޑު ގެންދަނީ. ފޮޓޯ/އަލްޖަޒީރާ

ދެހާސްވިހިވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި މިހާތަނަށް ޔޫކްރޭނުގެ 31،000 ސިފައިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ރައީސް ވްލަޑިމިއާ ޒެލްންސްކީ ވިދާޅުވެއްޖެއެވެ.

ޒެލްންސްކީ އެގޮތަށް ވިދާޅުވެފައި ވަނީ "ޔޫކްރޭން. ޔިއާ 2024" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއިން ކޮންމެ ގެއްލުމަކީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭން އިން މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

ސިފައިންގެ އިތުރުން ޔޫކްރޭންގެ އެކި ސަރަހައްދުތަކުން އެތައް ހާސް އާންމުންނެއް ވެސް މަރައިލައިފައިވާ ކަމަށް ޒެލްންސްކީ ވިދާޅުވިއެވެ.

ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ރަޝިޔާއިންވެސް ވަނީ ހާމަކޮށްފައެވެ. ރަޝިޔާގެ ނޫހެއް ކަމަށްވާ މީޑިއާޒޯނާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް ރަޝިޔާގެ 75،000 މީހުން ވަނީ މަރުވެފައެވެ.

ނަމަވެސް 2023ވަނަ އަހަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި އާންމުކޮށްފައިވާ އެމެރިކާގެ ޖާސޫސީ ރިޕޯޓެއްގައި ގައި ވާގޮތުން ހަނގުރާމައިގައި ރަޝިޔާގެ 315،000 ސިފައިން ވަނީ މަރުވެފައި ނުވަތަ ޒަހަމްވެފައެވެ.

ރަޝިޔާ ޔޫކްރޭން ހަނގުރާމައަށް ދެ އަހަރު ވެފައިވާއިރު، ހުޅަނގުގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރޭނަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެގޮތުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށާއި، ސަލާމަތީ އެއްބާރުލުން ދިނުމަށް ގައުމުތަކާއެކު ވަނީ އެއްބަސްވުންތައް ހަދައިފައެވެ.

ނަމަވެސް ޔޫކްރެއިންގެ މިހާރުގެ ހާލަތަށް ބަލާއިރު ރަޝިޔާއާ ހަނގުރާމަ ކުރުމަށް ޔުކްރެއިނަށް ވަނީ ހަތިޔާރު ދަތިކަން ކުރިމަތިވެފައެވެ. ހަތިޔާރު އަވަހަށް ނުލިބިއްޖެނަމަ، އިތުރު މީހުން މަރުވެގެންދާނެ ކަމަށް ޔޫކްރޭންގެ ދިފާއީ ވަޒީރު ރުސްތުމް އުމެރޮކް ވަނީ ވިދާޅުވެފައެވެ.

ވިލާތުން މިހާރު ވެސް ވަނީ މާޗު މަހު ފޯރުކޮށްދޭން ބުނި ހަތިޔާރު ފޯރުކޮށްދިނުން ލަސްވާނެކަމަށް ބުނެފައެވެ. އެ ހަތިޔާރު ފޯރުކޮށްދެވޭނީ އަހަރު ނިމޭއިރު ކަމަށް ވިލާތުން ބުނެއެވެ.

ފަހަކަށް އައިސް، ރަޝިޔާއިން ޔޫކްރޭނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

comment ކޮމެންޓް