ފިލްމު ނާކާމިޔާބުވީ ހެދުނު ގޯސްތަކުންކަން އާމިރު ގަބޫލުކުރޭ

ފިލްމު "ލާލް ސިންގް ޗައްދާ"ގެ ޕޯސްޓަރެއް-- ފޮޓޯ/ ބޮލީވުޑްހަންގާމާ

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި, އާމިރު ޚާންގެ ފިލްމު "ލާލް ސިންގް ޗައްދާ"ގެ ނާކާމިޔާބީގެ ފަހަތުގައި ވަނީ ފިލްމުގައި ހެދުނު ގޯސްތައްކަމަށް އެކްޓަރު އެއްބަސްވެއްޖެއެވެ.

މި ފިލްމާ މެދު އާމިރު ވަރަށް ފޮނި ހުވަފެންތައް ދުށް ކަމަށާއި ނަމަވެސް ފަހު ވަގުތު "ލާލް ސިންގް ޗައްދާ"ވީ އެކްޓަރުގެ ކެރިއަރުގެ އެންމެ ބޮޑު ނާކާމިޔާބު ޕްރޮޖެކްޓުގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.

އިންޑިއާގެ ޚަބަރުތައް ގެނެސްދޭ އޭބީޕީ ނޫހަށް ދިން އިންޓަވިއުގައި އާމިރު ބުނެފައިވަނީ "ލާލް ސިންގް ޗައްދާ"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ފާޑުކިޔުންތަކާ އެކު ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ވަރަށް ފުން އަސަރެއް ކުރުވި ކަމަށެވެ. މި ފިލްމަކީ އާމިރުގެ ހިތުގައި ވަރަށް ހާއްސަ މަގާމެއް ދެވިފައިވާ ފިލްމެއް ކަމަށާއި ހާއްސަކޮށް ފިލްމުގެ މުހިއްމު ރޯލް ކުޅުނު ކަރީނާ ކަޕޫރު އަދި އަދުވެއިތު ފަދަ ތަރިން މި ފިލްމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށް އާމިރު ވަނީ ބުނެފައެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"ގެ ނާކާމިޔާބީއާ ގުޅިގެން އާއިލާއާއި ގާތް ރަޙްމަތްތެރިން އެ ދުވަސްވަރު ވަރަށް ގިނައިން އާމިރަށް ޒިޔާރަތްކުރި ކަމަށާއި އާމިރު ހާލު ބެލިކަމަށް ބޮލީވުޑްގެ މަގުބޫލު އެކްޓަރު ވަނީ ބުނެފައެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"ގެ މަންޒަރެއްގައި ބަތަލާ ކަރީނާ ކަޕޫރު އަދި އާމިރު ޚާން-- ފޮޓޯ/ ފޭސްބުކް

ފިލްމުގައި އާމިރަށް ހެދުނު ގޯސްތައް ދެނެގަނެވުނީ އެ ދުވަސްވަރު ކަމަށާއި އެއީ ކެރިއަރުގައި ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް އާމިރުގެ އިންޓަވިއުގައި ބުނެފައިވެއެވެ.

ފިލްމު "ލާލް ސިންގް ޗައްދާ"ގެ ނާކާމިޔާބީއާ ގުޅިގެން އާމިރު ފިލްމީ މަސައްކަތްތަކާ ދުރަށް ޖެހިލުމަށް ފަހު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުތީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު އާމިރު ބުނެފައިވަނީ އެކްޓު ކުރުމަށް ވުރެ ބޮޑަށް ދެން އިސްކަންދޭނީ އަމިއްލަ ފިލްމު ކުންފުނިން ފެންވަރު ރަނގަޅު ފިލްމީ އުފެއްދުންތައް ބާޒާރަށް ނެރުމަށް ކަމަށެވެ.

comment ކޮމެންޓް