ޖަރުމަނު ބުންޑަސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް މި ހާފްގައި ވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުން ބަޔާނެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ކޭންއެވެ.
ނަމަވެސް މި ލީޑު ބަޔާނަށް ދެމެހެއްޓިފައިވަނީ 14 މިނެޓު ވަންދެނެވެ. ލެއިޕްޒިގްއިން ވަނީ މެޗުގެ 70ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިލަނޑު އެ ޓީމަށް ޖަހައިދިނީ ބެންޖަމިން ސެސްކޯއެވެ. މި ލަނޑާއެކު މެޗު އެއްވަރު ވެގެން ނިމެން ދަނިކޮށް މި މެޗުން ބަޔާން މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން ކޭންއެވެ. މިއީ އޭނާ މި ސީޒަންގައި ބުންޑަސްލީގާގައި ކާމިޔާބު ކުރި 27ވަނަ ލަނޑެވެ.
މި ކާމިޔާބީއާ އެކު ބަޔާނުން މިވަނީ ވޭތިވެދިޔަ ތިން މެޗަށް ބަލާއިރު ފުރަތަމަ ފަހަރަށް މޮޅުވެފައެވެ. އަދި މިވަގުތު އުޅެނީ 23 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ބަޔާ ލެވަކޫސެންއަށް ވުރެ އަށް ޕޮއިންޓް ފަހަތުން ދެވަައިގައެވެ.