ޕެރަސައިޓް ޑިރެކްޓަރުގެ ފިލްމު ޑިލޭ ކޮށްފި

މިހާތަނަށް ނެރުނު އެންމެ މަގުބޫލު އެއް ކޮރިއަން ފިލްމު ކަމަށްވާ "ޕެރަސައިޓް"ގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ ހޮލީވުޑް ފިލްމު ޑިލޭ ކޮށްފިއެވެ.

ހޯގެ އާ ފިލްމަކީ ހޮލީވުޑްގެ ބޮޑެތި ތަރީންނާއެކު ތައްޔާރުކުރާ ވަރުގަދަ ފިލްމެކެވެ. "މިކީ 17" ނަމަކަށް ކިޔާ ފިލްމަކީ ކޮރިއަން ޖާންރާގެ ބޭރުން ސައިންސް ފިކްޝަން ޖާންރާގެ ފިލްމެކެވެ.

މަޝްހޫރު ހޮލީވުޑް ތަރި ރޮބާޓް ޕެޓިންސަން ލީޑުން ފެންނަ މި ފިލްމު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. ފިލްމު އިއުލާނު ކުރުމަށް ފަހު މިދިޔަ އަހަރު އިއުލާނު ކޮށްފައިވަނީ މި އަހަރުގެ ތެރޭގައި ފިލްމު ރިލީޒް ކުރާނެ ކަމަށެވެ.

ހޮލީވުޑް ރިޕޯޓާއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި މިކީ 17 އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަންނަ މަހުގެ 29 ގައެވެ. ނަމަވެސް މިހާރު ފިލްމު ރިލީޒް ކުރުން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. މި ފިލްމު ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 31 ގައެވެ.

ވޯނާ ބްރޮސްގެ ދަށުން ފިލްމު ތައްޔާރުކުރާއިރު މި ފިލްމު ފަސްކޮށްފައިވާ ސަބަބެއް ނުބުނެއެވެ. ނަމަވެސް މި ފިލްމު އޮރިޖިނަލްކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހަށް މިހާރު ވަނީ އިތުރު ފިލްމެއް ރިލީޒް ކުރުމަށް ހަމަޖައްސާފައެވެ. އެގޮތުން 29 މާޗުގައި ދެން ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ "ގޮޑްޒިލާ" ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ގޮޑްޒިލާ ކޮންގް : ދަ ނިއު އެމްޕަޔާ" އެވެ.

މިކީ 17 އަކީ ސައިންޓިސްޓުންގެ ގްރޫޕެއް އާ ޕްލެނެޓެއް ބަލައި އެ ތަނަށް ދިރިއުޅުން ބަދަލު ކުރުމަށް މަސައްކަތް ކުރާތަން ދައްކައިދޭ ފިލްމެކެވެ. މި ބަދަލުގެ ތެރޭގައި ދިމާވާ އާދަޔާ ހިލާފު ކަންތައްތައް ފިލްމުން ފެނިގެންދާނެއެވެ. ފިލްމުގައި ޕެޓިންސަންގެ އިތުރުން ޓޯނީ ކޮލެޓް އާއި ސްޓީވެން ޔޫން ފަދަ ބޮޑެތި އެކްޓަރުން ހިމެނޭނެއެވެ.

comment ކޮމެންޓް