ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ބަތަލާ ތުރިޕްތީ ފިލްމު "ބޫލް ބުލައްޔާ3"އަށް ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.
ފިލްމު ގެނެސްދޭ ޓީ-ސީރީސް ފިލްމްސްއިން އެކަން އިއުލާނުކޮށްފައިވާއިރު "ބޫލް ބުލައްޔާ3"ގެ ލީޑް އެކްޓަރު ކާތިކް އާރްޔަން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
ބަތަލާ ތުރިޕްތީ ފިލްމަށް ސޮއިކުރުމުގެ ކުރިން ގިނަ ބަޔަކު އުއްމީދު ކުރީ ފިލްމުގެ ތިންވަނަ ބައިން ފެންނާނީ މި ފްރެންޗައިސްގެ ދެވަނަ ބައިން ބަތަލާގެ ރޯލުން ފެނުނު ކިއާރާ އަދްވާނީ ކަމަށެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުން މަންޖުލިކާގެ ރޯލުން މަގުބޫލުވި ބަތަލާ ވިދްޔާ ބާލަން ވެސް ފެންނާނެކަމަށް މީގެ ކުރިން ވަނީ އިއުލާނުކޮށްފައެވެ. ބަތަލާ ވިދުޔާ ބާލަން ކުޅުނު މަންޖުލިކާގެ ރޯލަކީ މި ފްރެންޗައިސްގެ ދަށުން އުފެއްދި ފުރަތަމަ ފިލްމުގެ އެންމެ މުހިއްމު އެއް ކެރެކްޓާއެވެ.
ކާތިކް އާރްޔަން އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓުގައި ތުރިޕްތީ ފިލްމަށް ސޮއިކުރުމުން މަރުހަބާ ކިޔާފައިވެއެވެ. ކުރިއަށް އޮތް މާޗު މަހު ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު މި ފަހަރުގެ ފިލްމުގެ ޑައިރެކްޓަރަކީ ވެސް އަނީސް ބަޒްމީއެވެ.
މީގެ ދެ އަހަރު ކުރިން ރިލީޒް ކުރި ފިލްމު "ބޫލް ބުލައްޔާ2"ގެ މުހިއްމު ތަރިންގެ ތެރޭ ބަތަލާ ކިއާރާ އަދްވާނީގެ އިތުރުން ބަތަލާ ތައްބޫ ވެސް ހިމެނެއެވެ. އެ ފިލްމު ވެގެން ގޮސްފައި ވަނީ 2022ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ.