އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި، އަނދިރީގައި އެއް ގަޑިއިރު

އައްޑޫ ސިޓީގައި މީގެ ކުރިން ކެނޑިފައި: އައްޑޫގައި މިރޭ ކަރަންޓު ކެނޑިފައި އޮންނަތާ އެއް ގަޑިއިރުވެއްޖެ -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިފައި އޮންނަތާ އެއް ގަޑިއިރުވެފައިވާ ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަދި ހިތަދޫ މެދެވައުގެ ކައުންސިލަރު މުޙައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފެނަކައިން ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން ކަރަންޓު ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލެއް ކުންފުނިން ހާމައެއްނުކުރެއެވެ.

ފެނަކައިން ބުނީ އެ މައްސަލަ ހައްލުކޮށް، ކުރިއަށް އޮތް ގަޑިއެއްހާއިރުގެ ތެރޭގައި ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަދި މިދަނޑިވަޅުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން،" ފެނަކައިގެ ޕޯސްޓުގައިވެއެވެ.

އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ ސަރަހައްދެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.

comment ކޮމެންޓް