އިންތިޚާބުތަކާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްތިއުނާފު ލަސްވާކަމަށް ވިދާޅުވެ ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ނުރުހުން ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ޖަމީލު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ޔާމީނުގެ މައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ކޯޓުތަކުން ލަސްވި ނަމަވެސް ޔާމީނު މައްޗަށް ކުށެއް ސާބިތު ކުރަން ވެއްޖެ ނަމަ ވަރަށް އަވަހަށް ޝަރީއަތް ހިންގާ ހުކުމް ޖަހާތަން ފެންނަ ކަމަށެވެ.
އަދި މި ކަންކަމަށް ބަލާއިރު، ޔާމީނަށް ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލު ނުކުރާކަން ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.
އިތުރަށް މި ބަޔާނުގައި އޭނާ ވިދާޅުވީ، ފަނޑިޔާރުންނަކީ ދުސްތޫރީ ސުޕްރިމަސީ ނަގަހައްޓަން ހުވާކޮށްގެން ތިބި ޒިންމާދާރު، އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނު ދަމަހައްޓަން ތިބި ބައެއް ކަމަށެވެ.
އަދި މިނިވަން ޖުޑިޝަރީއެއްގެ އެންމެ މުހިންމު އަސާސީ އެއް ސިފައަކީ، އެއްވެސް ބިރެއް ނުވަތަ ޖެހިލުމެއް ނެތި ވަކި ފަރާތަކަށް ބަރޯސާ ނުވެ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދި އެއްވެސް ދިމާލަކުން އަންނަ ނުފޫޒަކަށް މިނިވަން ޖުޑިޝަރީއެއްގައި ތަބާ ނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖަމީލްގެ ވެސް ބައިވެރިވުމާ އެކު އުފެދުނު މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ގޯސްވެފައިވާއިރު، ޔާމީން އަދިވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކަށް އަންނަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފާޑު ކިޔަމުންނެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން، ޖަލުން ގެކޮޅަަށް ބަދަލު ކޮށްދެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއެކު ރައީސް މުއިއްޒު، އެކަމަށް އެދިވަޑައިގަތުމުންނެވެ.