ސިވިލް ސާވެންޓުންގެ ތެރެއިން އަވަހަށް ރިޓަޔާ ވާ މީހުންނަށް އެލަވަންސެއް ދިނުމަށްޓަކައި އިދާރީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ގއ.ގެމަނަފުށީ ސްކޫލް ޓީޗަރެއްކަމުގައިވާ، އެރަށު، މުޝްތަރީގޭ، މުޙައްމަދު ނާފިޒް ވަނީ، 55 އަހަރުވެގެން ރިޓަޔާ ވާއިރު ސިވިލް ސާވެންޓުންނަށް އެލަވަންސެއް ނުދޭގޮތަށް މިހާރު އޮންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިއީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ބަލި މީހުންވެސް. ފަހަރެއްގަ ހަމަ 55 އަހަރު ވީމަ ރިޓަޔާ ވެގެން ގެޔަށް ވަޑައިގަންނަވާ ބޭފުޅުންވެސް އުޅުއްވާނެ. އެހެންވީމަ އަޅުގަނޑުމެންގެ މި ޕެންޝަންގެ ކަންތައް ތަންކޮޅެއް ރަނގަޅު ގޮތަކަށް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް އުންމީދު ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ރައީސް އޮފީހުން މިހާރު ވަނީ ފަށައިފައި ކަމަށެވެ. އަދި މިހާރު ގާނޫނުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރެވެމުން އަންނަކަން ވެސް އެ މަނިކުފާނު ވަނީ ފާހަގަ ކުރައްވައިފައެވެ.
"ދެން އަޅުގަނޑުމެންގެ ލީގަލް ޓީމުން އެޓާނީ ޖެނެރަލްއާ ގުޅިގެން މިހާރު ކުރެވޭ މަސައްކަތަކީ ،ހަގީގަތުގައި ގާނޫނުގެ ތެރެއިން މިއަށް މަގުފަހި ކުރެވެން އެބަ ޖެހޭ އެހެންވީމަ މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހުތަކެއް ވެސް ހުންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސިވިލް ސާވެންޓުންނަށް އަރުވައިފައެވެ.
އުމުރުން 55 އަހަރުގައި ރިޓަޔާވާ ސިވިލް ސާވެންޓުންނަށް އެލަވަންސެއް ކަނޑައެޅުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވީ ވައުުދުފުޅާ އެއްގޮތަށް އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ.