އިންޑިއާގެ ކަންބޮޑުވުން އޮތް ޗައިނާ އުޅަނދު މާލޭގައި ބަނދަރުކޮށްފި

ޗައިނާގެ ސާވޭ އުޅަނދު، ޝިއަން ޔަންގް ހޮންގް --

އިންޑިއާގެ ކަންބޮޑުވުން ބޮޑުވުމާ ގުޅިގެން ސްރީލަންކާގެ ކަނޑުގެ ސަރަހައްދަށް ވެސް ވަނަނުދިން ޗައިނާގެ ރިސާޗު އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" މިއަދު ހެނދުނު މާލެ ކައިރީގައި ބަނދަރުކޮށްފިއެވެ.

ޗައިނާގެ ރިސާޗު އުޅަނދުތައް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާތީ އިންޑިއާއިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

މިއަދު ހެނދުނު 9:42 ގައި ރާއްޖެ ސަރަހައްދުގައި ބަނދަރުކުރި ކަމަށް ދައްކާ "ޝިއަންގް ޔަންގް ހޮންގް 3" އަކީ ވެސް އިންޑިއާގެ ނުރުހުމާ ހެދި އަވައްޓެރި ސްރީލަންކާއަށް ވެސް ވަނުމުގެ ހުއްދަ ނުދިން އުޅަނދެކެވެ.

އެ އުޅަނދު ރާއްޖެއާ ދިމާލަށް މިސްރާބު ޖެހީ މި މަހު ކުރީކޮޅެވެ.

ޗައިނާގެ ރިސާޗު އުޅަނދު ރާއްޖޭގައި ބަނދަރުކޮށްފައި --

ޗައިނާގެ ރިސާޗް އުޅަނދުތައް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަނުމާ އެންމެ ދެކޮޅު، އެންމެ ކަންބޮޑުވާ އެއް ގައުމަކީ އިންޑިއާއެވެ. މިއީ އަސްކަރީ ނަމުގައި ބޭނުންކުރާ އުޅަނދުތަކެއް ނޫން ނަމަވެސް އެ ގައުމުން ތުހުމަތުކުރާ ގޮތުގައި މި ރިސާޗްތަކުގައި އެއްކުރާ މައުލޫމާތު ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށެވެ.

ފޮރިން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ޗައިނާގެ ރިސާޗު އުޅަނދު ރާއްޖެ އައި ނަމަވެސް އެ އުޅަނދުން އެއްވެސް ރިސާޗު މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި، އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދިނީ ސްޓޮކް އާ ކުރުމަށާއި މީހުން ބަދަލުކުރަން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެގޮތަށް އުޅަނދުތައް ބަނދަރު ކުރުމުން އެގައުމާއި ރާއްޖޭގެ ގުޅުން ބަދަހިވުމުގެ އިތުރުން، އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް ރާއްޖެއިން މަރުހަބާ ކިޔުމުގެ ޒަމާންވީ ސަގާފަތް ދައްކުވައިދޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ބޭރުގެ އުޅަނދުތައް އަންނަ ހާލަތްތަކުގެ ރާއްޖެއިން ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކަށާއި، ކަމާ ގުޅުންހުރި ބައިނަލްއަގުވާމީ މެރިޓައިމް ގާނޫނުތަކަށް އަމަލުކުރާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން މި އުޅަނދު ލަންކާއަށް އެތެރެވެ، އެ ގައުމުގައި 'ޑީޕް ވޯޓާ އެކްސްޕްލޮރޭޝަން' ރިސާޗް މަސައްކަތެއް ކުރަން އުޅުނެވެ. ނަމަވެސް އިންޑިއާއިން ފާޅުކުރި ކަންބޮޑުވުންތަކާ އެކު ލަންކާއިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ބޭރު އެއްވެސް ގައުމެއްގެ ސާވޭ އުޅަނދެއް އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް އެތެެރެވުން މަނާކޮށްފައެވެ.

comment ކޮމެންޓް