އުރީދޫ އަހަރީ އާންމު ޖަލްސާ އަންނަ މަހު 7ގައި ބާއްވަނީ

އުރީދޫގެ އަހަރީ ޢާންމު ޖަލްސާ 2023 --- ސަން ފޮޓޯ/ އަޙްމަދު ސަދޫފް މޫސާ

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަސްވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާގައި އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ ހުޅުމާލޭ ސެންޓްރަލް ޕާކަށް ގޮސްގެންވެސް ބައިވެރިވެވޭނެކަމަށް އުރީދޫއިން ބުންޏެވެ. ސެންޓްރަލް ޕާކަށް ގޮސްގެން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 200 ހިއްސާދާރުންނަށެވެ. އަދި އޮންލައިން ކޮށް 'ފަހި ވޯޓު' ބޭނުންކޮށްގެން ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫއިން ބުނިގޮތުގައި މި ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާ ހިއްސާދާރުންނަށް އެކަންޏެވެ. ރަޖިސްޓަރީ ކުރުމަށް އެމްއެސްޑީ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ރަޖީސްޓްރީ ކުރެވޭނެއެވެ.

ފޯމު ހުށަހަޅާ މީހުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 08:30 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް އެ ކުންފުނިން އެދެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާއަށް ފޯމްތައް ހުށަހެޅޭނެ ކަމަށް ވެސް ބުންޏެވެ.

ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭ 7:30 އާއި 08:30 އާ ދެމެދު އެތަނަށް ހާޒިރުވި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ރަޖިސްޓްރީ ކުރަން ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ދިއުމަށް އުރީދޫ އެދެއެވެ.

އުރީދޫ މޯލްޑިވްސް އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުން އަދި ޕުރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 08:15 އާއި 08:30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށްގެން ފަހި ވޯޓް ސިސްޓަމަށް ލޮގިން ކުރުމަށް އުރީދޫއިން އެދެއެވެ.

comment ކޮމެންޓް