ޕެނަޑޯލް ކެއުން ހުއްދަ ކޮށްފި

ދިވެހީން އާންމު ގޮތެއްގައި ބޭނުންކުރަމުން އަންނަ ޕެނަޑޯލާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަދަމުން އަންނަ ޓެސްޓުތަކަކާ ގުޅިގެން އެ ބޭސް ބޭނުންކުރުން ހުއްޓާލުމަށް އެންގުމަށް ފަހު އެ ބޭސް ކެއުން ހުއްދަކަމަށް މިއަދު ނިންމައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕެނަޑޯލް ކެއުން އެމްއެފްޑީއޭއިން މަނާ ކުރީ ރާއްޖެ އެތެެރެކޮށް ވިއްކައި ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށް ޓަކައި 'ޕޯސްޓު މާކެޓް ސާވައިލަންސް ޕްލޭން' ހަަދައި ރޭންޑަމް ސާމްޕަލް ނަގައި ބޭހުގެ ކޮލިޓީޓިވް އަދި ކުއަންޓޭޓިވް ޓެސްޓުތައް ކުރަމުން އަންނާތީއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ އެ އޮތޯރިޓީން ކުރި ޓެސްޓްތަކުގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށެވެ. އެ ޓެސްޓްތަކުން ދައްކާގޮތުގައި ޕެނަޑޯލް ބްރޭންޑްގައި ހުންނަން ޖެހޭ މިންވަރަށް ބޭހުގެ ސްޓްރެންޓް ހުރިކަން ވަނީ ޔަގީން ކުރެވިފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ބޭހުގެ ކޮލެޓީ މައްސަލައެއް ފާހަގަ ކުރެވިފައި ވަނީ ބޭސް އުފުލާ ގެންގުޅުމުގަޔާއި ގުދަން ކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެހެންވެ މައްސަލަ ޖެހުނު ޕެނަޑޯލްގެ ސްޓޮކް މިހާރު މާކެޓްގައި ނެތް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ވިއްކުމާއި ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ވަނީ މިފަދަ މައްސަލައެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ބޭސް އުފުލުމާއި ގުދަން ކުރުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް