ދިވެހި ބަސް ދަސްކުރާއިރު، ގޭތެރެއިން އުނގަންނައިދިނުން މުހިންމު: އާދަމް ނަސީރު

ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހިމް: ދިވެހި ބަސް ދަސްކުރާއިރު، ގޭތެރެއިން އުނގަންނައިދިނުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ކުޑަކުދިން ދިވެހި ބަސް ދަސްކުރާއިރު، ގޭތެރެއިން އުނގަންނައިދިނުމަކީ އެކުދިން ފަރިތަވުމުގައި ބޮޑު ދައުރެއް އަދާކުރޭ ކަމެއް ކަމަށް ދިވެހި ބަހާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު، އާދަމް ނަސީރު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ދިވެހި ބަހުގެ އެކެޑަމީން ބޭއްވި އިލްމީ ފޯރަމްގައި އާދަމް ނަސީރު ވިދާޅުވީ ބަހެއް ދަސްކުރަނީ ނަވަތަ ދަސްކުރާ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ނަވަތަ ދަސްކުރަނީ އިބާރާތްތައް ހިތުދަސްކޮށްގެން ނަމަވެސް ބަސް ދަސްވަނީ އުޅުންތެރިކަމާއި ސަގާފަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު އެންމެ ބޮޑަށް ކުދިންނަށް ނެތް ނަސީބަކީ މި ދެންނެވި މާހައުލު. މިއަދު ދިވެހި ބަހުން ކުށްނުލައި ރަނގަޅަށް ވާހަކަދައްކައިލެވޭ މީހުން ބޮޑުވެގެން އައި ދުވަސްވަރު އެ މީހުންނަށް ވަޑާންގެއަށް ވެސް ވަދެވުނު، އެމީހުން ދިއްގާ ގަހަށް އަރައި ކަކޫ ވެސް މަށައިގެން ދިޔަ، އެހެންވީމަ މަށައިގެން ދިޔަ އެ ލަފުޒު އެނގޭނެ ކިޔަން،" އާދަމް ނަސީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އޭރު މަދަރުސާއަށް ދަނީ ބަސް ދަސްވާ ފަހުން ކަމަށާއި މަދަރުސާގައި ބަހުގެ ގަވައިދުތައް ދަސްކުރާއިރު، އޭރު ވެސް ވާހަކަ ދެއްކެނީ ގަވައިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް މިހާރު ކުދިން މަދަރުސާއަށް ގޮސް ދިވެހި ބަހުގެ ގަވައިދު ކިޔަވާއިރު، އޭގެ ބަސްކޮށާރެއް ކުދިންނަށް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިއަދު ގަވާއިދަކުންނެއް މިކަން އަދި ނެތް ކަންނޭނގެ ހައްލު ކުރެވޭކަށް، ގާނޫނަކުން ވެސް ނެތް ހައްލު ކުރެވޭކަށް،" އާދަމް ނަސީރު ވިދާޅުވިއެވެ.

މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ދިވެހި ބަހުގެ އެކެޑަމީން ބޭއްވި އިލްމީ ފޯރަމްގެ ތެރެއިން: ބަސް ދަސްވަނީ އުޅުންތެރިކަމާއި ސަގާފަތުގެ ތެރެއިން ކަމަށް އެ ފޯރަމްގައި މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

މިހާރު ކުރަންވީ ކަމަކީ ގޭތެރެއިން ކަންތައްތައް ރަނގަޅު ކުރުން ކަމަށް ވިދާޅުވެ، ނަމޫނާއެއްގެ ގޮތުގައި ބެލިދާނެ އާއިލާއެއްގެ ވާހަކަ މިނިސްޓަރު ހިއްސާކުރެއްވިއެވެ. އެގޮތުން، ނިއު ޒިލެންޑުގައި އުޅުނު މަންމައަކާއި ދެ ކުދިންނާ ދެއްކެވި ވާހަކައެއް އޭނާ ކިޔައިދެއްވިއެވެ.

"ވާހަކައިގެ ތެރެއިން އެ ދެ ކުދިން ބުނަނީ މަންމަ އަބަދުވެސް ތިމަންނަމެންނަށް ބާރު އަޅުއްވައޭ ދިވެހި ބަހުން ވާހަކަދައްކަން. ދެން މަންމަ އަޅުގަނޑު ގާތުގައި ވިދާޅުވަނީ ތިމަންނަ ހިތަށް އެރިއޭ ތިމަންނަ މިކުދިންނާ ދިވެހި ބަހުން ވާހަކަ ނުދައްކައިފިއްޔާ މި ދެ ކުދިންނަކަށް ދިވެހި ބަސް އެނގޭނެ ގޮތެއް ނޯންނާނެޔޭ، އެހެންވީމަ ތިމަންނަ މިގޮތަށް މަސައްކަތް ކުރީމޭ،" އާދަމް ނަސީރު ކިޔައިދެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ދެ ކުދިންގެ މަންމަ އެ ކުދިންނަށް ދިވެހި ބަސް އުނގަންނައިދީފައިވުމުން އެ ކުދިން ވަރަށް ރަނގަޅަށް ދިވެހި ބަހުން ވާހަކަދައްކައި، ދިވެހި ބަހާއި ތާރީޚަށް ލޯބިކުރާ ކަމަށެވެ.

އެހެންވެ، ބަސް ދަސްކުރުމުގައި ގޭތެރެއިން އުނގެނޭ އެއްޗެއް އަދާކުރާ ރޯލު ބޮޑުކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.

comment ކޮމެންޓް