ފައިސާ ދޭން ފެށުމުން މަސްވެރިންގެ އިހުޖިޖާޖު މެދުކަނޑާލައި، ކޫއްޑޫ އޮޕަރޭޝަނަށް

އޭޕްރިލް 2022: ކޫއްޑޫއަށް މަސްކިރަން ގޮސް ތިބި ދޯނިތައް ކިޔޫގައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ސަރުކާރުން މަސްވެރިންނަށް ނުދީ ހުރި ފައިސާ މިއަދު ދޫކުރަން ފެށުމުން، ގއ. ކޫއްޑުގައި މަސްވެރިން ކުރި އިހުތިޖާޖު މެދު ކަނޑާލައި، އެރަށު މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން އަލުން ފަށަން ޖާގަ ދީފިއެވެ.

މަސްވެރިންނަށް ފައިސާ ދޫނުކުރާތާ ތިން މަސް ވެފައި ވާކަމަށް ބުނެ މަސްވެރިން ކޫއްޑޫގައި އިހުތިޖާޖު ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އިހުތިޖާޖުގެ ތެރެއިން މަސްވެރިން ވަނީ ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން، މިފްކޯގެ މީޑިއާ ބޭފުޅަކު ވިދާޅުވީ ކޫއްޑުގެ އޮޕަރޭޝަން މިރޭ ފަށައި މަސްވެރިންނަށް ކޫއްޑުން ދޭ ހުރިހާ ޚިދުމަތެއް ދޭން ފަށާފައި ވާކަަމަށެވެ.

އިހުތިޖާޖު މެދުކަނޑާލުމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަމުން އިހުތިޖާޖުގެ ބައިވެރިކު ބުނީ، މިހާތަނަށް ފައިސާ ލިބިފައި ވަނީ ދޯނީގެ ތިން ބިލަކަށް ކަމަށެވެ. އަދި ހުރިހާ ފައިސާއެއް ނުލިބުނު ނަމަވެސް، އިހުތިޖާޖު މެދުކަނޑާލީ ފައިސާ ދޫކުރަން ފެށުމުން ކަމަށެވެ.

އޭނާ ބުނީ، އިހުތިޖާޖު އަލުން ފެށުމާމެދު މިވަގުތު އަދި އެއްވެސް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ދިނުމާ ގުޅޭގޮތުން މިރޭ ފިޝަރީޒް މިނިސްޓްރީން ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މިއަދާއި މާދަމާ ދޫކުރުމަށް ފަހު، އަންނަ ހަފުތާގެ ހޯމަ ދުވަހު ބާކީ 30 މިލިއަން ރުފިޔާ ދޭނެކަމަށެވެ.

https://sun.mv/188971

މަސްވެރިންނަށް ދޭން ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް ދެވޭނެ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވެސް އިއްޔެ މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް