ލޯކަލް ޓޫރިޒަމްގެ ގޮތުން މަޝްހޫރު އއ. ތޮއްޑޫގައި ތިބި ފަތުރުވެރިންނަށް އަމާންކަން އޮންނާނެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ތޮއްޑޫގެ ވިލާ ސެންޓަރު ގެސްޓްހައުސްގައި މަރާމާރީއެއް ހިންގައިގެން އިއްޔެ 18:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 42 އަހަރުގެ ރަޝިއާ މީހަކަށެވެ.
މިކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަހްމަދު ކަރަމް 'ސަން' އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގައި ހިންގި މާރާމާރީ އަކީ ގެސްޓުހައުސްގެ މުވައްޒަފުންގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ރަށުގައި ތިބި ފަތުރުވެރިންނަށް އެއްވެސް ބިރުވެރި ކަމެއް ނޯންނާނެ ކަމަށާއި ހުރިހާ ފަތުރުވެރިންނަށްވެސް އަމާން ކަމާއި ރައްކާތެރިކަން އޮންނާނެ ކަމަށް ކަރަމް ވިދާޅުވިއެވެ.
"މިހާރު ރަށު ތެރޭގަ އެކަހަލަ އެއްވެސް ކަމެއް ނެތް. 1200 އެއްހައި ފަތުރުވެރިން ތިބި އިރު އެންމެނަށްވެސް އަމާންކަން އޮންނާނެ." ކަރަމް ވިދާޅުވިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު އަނިޔާވި މީހާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.