ޣައްޒާގެ އަލް ނަސީރު ހޮސްޕިޓަލްގައި ތިބި 32 ބަލި މީހުން ނެރެފި

ޣައްޒާގެ އަލް ނަސީރު ހޮސްޕިޓަލް ކައިރީގައި އިސްރާއީލު ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ/އިންގްލިޝް އަރަބިޔާ

ޣައްޒާގެ އަލް ނަސީރު ހޮސްޕިޓަލްގައި ތިބި 32 ބަލިމީހުން އެތަނުން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް، ދުނިޔޭގެ ސިއްހައްތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އެ މީހުންގެ ތެރޭގައި ކުޑަ ކުދިންނާއި ވަރަށް ބޮޑަށް ބަލި މީހުންވެސް ހިމެނެއެވެ.

ހާން ޔޫނިސްގައި ހުންނަ ނަސީރު ހޮސްޕިޓަލަކީ ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން ދެމުންއައި ހިދުމަތްތައް ހުއްޓުމަކަށް އައިސްފައި ވަނީ އިސްރާއީލު ސިފައިން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމުންނެވެ.

އިސްރާއީލުގެ ފައުޖުތަކުން ހޮސްޕިޓަލަށް ވަދެގަތުމުން އެތައް ގެއްލުމެއް ހޮސްޕިޓަލަށް ލިބިފައިވާ ކަމަށާއި، އެތަނުގެ އެތެރޭގައި މިހާރުވެސް 130 ބަލިމީހުންނާއި އަނިޔާ ލިބިފައިވާ 15 މީހުން ތިބޭނެ ކަމަށް ލަފަކުރެވޭ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ބާކީ ތިބި މީހުން ވެސް އެ ހޮސްޕިޓަލުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން ބުނެއެވެ. ނަސީރު ހޮސްޕިޓަލްގައި މި ވަގުތު ކަރަންޓެއް ވެސް ނެތެވެ. ފެނާއި ކުނި އުކާލެވޭނެ ގޮތެއްވެސް ނެތުމުން އިތުރު ބަލިތައް ފެތުރިދާނެކަމުގެ ބިރުވެސް ހީވެފައިވާ ކަމަށް އދ އިން ބުނެއެވެ.

"ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމާމެދު ކަންބޮޑުވޭ." އަދި އިތުރަށް މީހުން މަރުވެދާނެ ކަމާމެދުވެސް ކަންބޮޑުވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

ފަލަސްތީނުގެ ސިއްހީ އިދާރާއިން ބުނީ ހޮސްޕިޓަލްގެ ހާލަތު މިހާރު ވަރަށް ގޯހެވެ. އިސްރާއީލު ސިފައިން ވަނީ ހޮސްޕިޓަލް އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ޣައްޒާގެ ވެރިކަންކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ ހޮސްޕިޓަލް އެ މީހުންގެ މަރުކަޒަކަށް ހަދައިފައި ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ. ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އިސްރާއީލުން އެހެން ބުނަނީ ޣައްޒާގެ ސިއްހީ ނިޒާމު ހަލާކުކޮށްލަން ކަމަށްވެސް ހަމާސްއިން ބުނެއެވެ.

comment ކޮމެންޓް