ރަންވީރާ އެކު ކިއާރާ ފުރަތަމަ ފަހަރަށް ސްކްރީނަށް

ރަންވީރު ސިންގް ބަތަލާ ކިއާރާ އަދްވާނީއާ އެކު-- ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަހަރުގެ އޮގަސްޓު މަހު ތެރޭ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅޭނެކަން އިއުލާނުކުރި ފިލްމު "ޑޮން3"ގެ ބަތަލާގެ ގޮތުގައި ކިއާރާ އަދުވާނީ ހަމަޖައްސާފައިވާކަމަށް ފިލްމު ގެނެސްދޭ އެކްސެލް އެންޓަޓެއިންމަންޓްއިން ބުނެފިއެވެ.

މި ފިލްމަކީ ބަތަލާ ކިއާރާ އަދުވާނީއާ އެކު ބޮލީވުޑްގެ އެންމެ ކުޅަދާނަ އެކްޓަރުންގެ ތެރޭ ހިމެނޭ ރަންވީރު ސިންގް ފެންނާނެ ފުރަތަމަ ފިލްމުވެސް މެއެވެ.

އެކްސެލް އެންޓަޓެއިންމަންޓްއިން އާއްމުކުރި ވީޑިއޯ ކްލިޕްގައި ކިއާރާ "ޑޮން" ޔުނިވާސްއާ ގުޅުނުކަން އިއުލާނުކޮށް ބަތަލާއަށް ވަނީ މަރުހަބާ ކިޔާފައެވެ. ފިލްމީ ޚަބަރު ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދެމުން "ޑޮން"ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު ބުނެފައިވަނީ، ބަތަލާ ކިއާރާ އަކީ މިވަގުތު ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރެއިން ވަރަށް ކާމިޔާބު ކުރިމަގެއް އޮތް ބަތަލާއެއް ކަމަށް ދެކޭކަމަށެވެ.

މީގެ ކުރިން ރަންވީރާ އެކު ކިއާރާ ސްކްރީނުން ފެނިފައި ނެތުމުން "ޑޮން3"އަކަށް ކިއާރާ އަކީ އެންމެ ރަގަޅު ހޮވުން ކަމަށާއި އެ ރޯލަށް އެއީ އެންމެ 'ފިޓް' ބަތަލާ ކަމަށް ފަރްހާން ވަނީ ބުނެފައެވެ.

ބަތަލާ ކިއާރާ އަދްވާނީ ފިރިމީހާ ސިދާތު މަލްހޯތްރާއާ އެކު-- ފޮޓޯ/ ފޭސްބުކް
ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން ކިއާރާ އަކީ ތެލުގޫ ފިލްމުތަކުން ވެސް ފެނުނު ބަތަލާއެކެވެ. ފިލްމު "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ"އިން ބޮލީވުޑަށް ތަޢާރަފުވުމަށް ފަހު ކިއާރާ ވަނީ ތަޖުރިބާ ހުރި ޕްރޮޑިއުސަރުންނާ އެކު މަސައްކަތްކޮށް ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައެވެ. ޑައިރެކްޓަރު ފަރުހާން އަޚްތަރު އަދި އެކްޓަރު ރަންވީރާ ސިންގްއާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތާ އެކު އުފަލުން ހުރި ބަތަލާ ބުނެފައިވަނީ ފިލްމު "ޑޮން"ފަދަ މަގުބޫލު ސިލްސިލާއެއްގައި މަސައްކަތް ކުރުމަށް ލިބުނު ފުރުސަތަކީ ކެރިއަރަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެކްސެލް އެންޓަޓެއިންގެ ޓީމާއެކު ވަރަށް ގިނަ ކަންކަން ދަސްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ކިއާރާ ވަނީ ބުނެފައެވެ. މިދިޔަ އަހަރު ފިލްމު "ސަތިޔަޕްރޭމް ކީ ކަތާ"އިން ފެނުނު ބަތަލާ ދެން އެންމެ އަވަހަށް ފެންނާނީ މިހާރު މަސައްކަތް ކުރަމުން އަންނަ ތެލުގޫ ފިލްމު "ގޭމް ޗޭންޖާ" އިންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މީގެ އިތުރުން ކިއާރާ ވަނީ ޔަޝް ރާޖް ކުންފުނިން އުފައްދަން ނިންމާފައިވާ ފިލްމު "ވޯ2"ގެ ރޯލަކަށް ވެސް ސޮއިކޮށްފައެވެ.

ފިލްމު "ޑޮން" އަކީ ފަރުހާން އަޚްތަރުގެ ބައްޕަ ޖާވިދު އަޚްތަރު އަދި އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ސްކްރީން ލިޔެ ތައްޔާރުކޮށް 1978ގައި ވުޖޫދަށް ނެރުނު ފިލްމެކެވެ. މި ފިލްމުގެ ކުރީގެ ދެ ބައިން އެކްޓަރު ޝާހްރުކް ޚާން "ޑޮން"ގެ ގޮތުގައި ފެނުނު އިރު ދެ ފިލްމަކީ ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ދެ ފިލްމެވެ. ޝާހްރުކް ޚާން އާއެކު ފިލްމުން ބަތަލާގެ ރޯލުން އޭރު ފެނުނީ ޕްރިޔަންކާ ޗޯޕްރާއެވެ.

comment ކޮމެންޓް