ކްރިސްޓަލް ޕެލަސްގެ އާ ކޯޗަކަށް އޮލިވާ ގްލަސްނާ ހަމަޖައްސައިފި

ގްލަސްނާ 2022 ވަނަ އަހަރު ހޯދި ޔޫރޮޕާ ލީގުގެ ތައްޓާއެކު / ފޮޓޯ: މީޑިއަމް

އިންގްލިޝް ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސްގެ އާ ކޯޗު ކަމުގެ މަގާމަށް އޮސްޓްރިއާގެ އޮލިވާ ގްލަސްނާ ހަމަޖައްސައިފިއެވެ.

ޕެލަސްގެ ކޯޗު ކަމަށް ގްލަސްނާ ހަމަޖައްސާފައިމިވަނީ އެމަގާމްގައި އިއްޔެއާ ހަމައަށް ހުރި ރޯއި ހޮޑްސަން މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ހޮޑްސަން މަގާމުން އިސްތިއުފާ ދީފައިވަނީ އޭނާގެ ހާލު މާބޮޑަށް ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަހުންނެވެ.

މައުލޫމާތު ލިބޭގޮތުގައި ޕެލަސްއިން ކުރިން އޮތީ މިސީޒަން ނިމުމުން އެޓީމްގެ ކޯޗުކަމުގެ މަގާމަށް ގްލަސްނާ ގެންނަ ގޮތަށެވެ. ނަމަވެސް ހޮޑްސަން މަގާމުން އިސްތިއުފާ ދިނުމާއެކު އެކަން އަވަސްކޮށްލީއެވެ.

ޚަބަރު ފެތުރިފައިވާ ގޮތުގައި ގްލަސްނާވަނީ 2026 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެ ކްލަބްގެ ކޯޗު ކަމުގެ މަގާމުގައި ހުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އޭނާގެ ކޯޗު ކަމުގެ ދަށުން ޕެލަސް ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މިއަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޕެލަސްގެ ކޯޗު ކަމާ ގްލަސްނާ ހަވާލުވިއިރު އެޓީމް މިވަގުތު އޮތީ ލީގުގެ 15 ވަނައިގައެވެ. އަދި އެންމެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން 10 މެޗުންވަނީ ބަލިވެފައެވެ.

މަގާމާ ހަވާލުވުމަށްފަހު ގްލަސްނާވަނީ ޕެލަސްގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތު ލިބުމުން އުފާކުރާކަން ހާމަކޮށްފައެވެ. އަދި ޓީމްގައި ތިބި ހުނަރުވެރި ކުޅުންތެރިންނާއެކު މަސައްކަތް ފަށައި ޓީމްގެ ސަޕޯޓަރުންނާ ދިމާވުމަށް ކެތްމަދުވެފައިވަކަމަށް ގްލަސްނާ ބުންޏެވެ.

ގްލަސްނާވަނީ އޮސްޓްރިއާގެ ކްލަބެއްކަމުގައިވާ އެސްވީ ރީޑްގައި ކުޅުންތެރިއެއްގެ ގޮތުގައި 19 އަހަރު ހޭދަކޮށްފައެވެ. އޭނާ ކޯޗިންގެ ދާއިރާއާ ގުޅުނީވެސް އެކްލަބާއެކުއެވެ.

އެއަށްފަހު އޭނާ ލާސްކްގައި އެއް ސީޒަން ހޭދަކުރުމަށްފަހު ޖަރުމަނު ބުންޑަސްލީގާގެ ވުލްފްސްބާގްއަށް ބަދަލުވިއެވެ. އަދި 2022 ވަނަ އަހަރު އޭނާ އެއިންޓްރެކްޓް ފްރޭންކްފާޓްގެ ކޯޗު ކަމާ ހަވާލުވެ ފުރަތަމަ ސީޒަންގައި ޔުއޭފާ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނެވެ. ނަމަވެސް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބަޔަށް އެކްލަބް ގެންގޮސްދިނުމަށްފަހު ލީގުގައި ލިބެމުންދިޔަ ނާކާމިޔާބީގެ ސަބަބުން ސީޒަން ނިމުމުން އޭނާ މަގާމުން ވަކިވީއެވެ.

comment ކޮމެންޓް