އިންގްލިޝް ޕްރިމިއާ ލީގުގައި އެވަޓަން އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެވަޓަންއިންނެވެ.
އެ މެޗުގައި ޕެލަސްގެ ކޯޗް ކަމާ އަލަށް ހަވާލުވި އޮސްޓްރިއާގެ އޮލިވާ ގްލަސްނާ މެޗު ބަލަން ގޮސް އިނެވެ. އެ މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ޕެލަސްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ 66 ވަނަ މިނެޓްގައި ޖޯޑަން އަޔޫއެވެ. މިމެޗުގެ ނަތީޖާ އެވަޓަންއިން ހަމަހަމަ ކުރީ މެޗުގެ 84 ވަނަ މިނެޓްގައި އަމަޑޫ އޮނާނާ ޖަހައި ދިން ލަނޑުންނެވެ.
މިމެޗު އެއްވަރު ވުމާއެކު ލިބުނު ޕޮއިންޓާއެކު އެވަޓަންއިން މިހާރުވަނީ ރެލިގޭޝަން ޒޯނުން މިވަގުތަށް ބޭރުވެލާފައެވެ. އެވަޓަންއަށް މިހާރު 25 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. މިއަދަދަށް ތާވަލްގެ 18 ވަނައިގައި އޮތް ލޫޓަން ޓައުންއަށް ލިބިފައިވީ ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ އެވަޓަންއަށެވެ. ނަމަވެސް މިއަށް ބަލާއިރު ލޫޓަން އަދި ނުކުޅެ އެއް މެޗު އޮތުމާއެކު އެމެޗު ކާމިޔަބު ކުރެވިއްޖެނަމަ އަނެއްކާވެސް އެވަޓަން ރެލިގޭޝަންއަށް ވެއްޓިދާނެއެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން އެވަޓަންގެ ކޯޗް ޝޯން ޑައިސް ވަނީ އެވަޓަންގެ 10 ޕޮއިންޓް ކެނޑި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވުމުން އެކަން އަވަހަށް ނިންމުން ވަރަށް މުހިންމު ކަމަށް ބުނެފައެވެ. އޭނާ ބުނީ ފުޓްބޯޅައަށް ރަނގަޅެއް އެދޭނަމަ އެކަމަށް އަވަސް ނިންމުމެއް ނިންމައި އާންމު ކުރަންޖެހޭ ކަމަށެވެ. އެ ނިންމުން ލަސްވެއްޖެނަމަ އެކަމުގެ އަސަރު އެވަޓަންގެ އިތުރުން އެހެން ޓީމްތަކަށް ކުރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް އޭނާ ބުންޏެވެ.
އެ މެޗު އެއްވަރުވުމުން ޕެލަސް މިހާރު އުޅެނީ 15 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.