މިފްކޯގައި ތިބި ''ބޭކާރު'' މުވައްޒަފުން ކަނޑައިލަނީ

ފެބްރުއަރީ 4، 2021: މިފްކޯ މަސްފިހާރަ: މިފްކޯގައި ތިބި "ބޭކާރު" މުވައްޒަފުން ކަނޑައިލާނެ ކަމަށް ވަޒީރު ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފްކޯގައި ތިބި "ބޭކާރު" މުވައްޒަފުންތައް ކަނޑައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މާ ކުރިން މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ވަޒީރު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އިތުރު ސުވާލުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ މަސްވެރިންނަށް ފައިސާނުދީ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ސުވާލުކޮށްފައެވެ.

ވަޒީރު ވިދާޅުވީ، މިދިޔަ ސަރުކާރުން މިފްކޯއަށް އެއްވެސް ބޭނުމެއް ނުހިފޭ ގޮތަށް ބޮޑެތި މަގާމުތައް އުފައްދައިގެން ވަޒީފާތަކަށް މީހުން ނަގާފައިވާ ކަމަށެވެ. އެ މީހުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ބޮޑެތި މަގާމުތަކުގައި ތިބި އެކި ކަހަލަ ކޮންސަލްޓެންޓުން މި ދަނީ ބޭރުކުރަމުން މިފްކޯއިން،" ވަޒިރު ވިދާޅުވިއެވެ.

"ވަރަށް ބޮޑެތި މުސާރައިގައި ކޮންސަލްޓެންޓުން މިފްކޯއަށް ނަގާފައި ތިބިކަން އަޅުގަނޑުމެންނަށް ފާހަގަވޭ. ބޮޑެތި މުސާރައިގައި މިފްކޯއަށް އެއްވެސް ވަރަކަށް ކޮންޓްރިބިއުޓް ނުކުރެވޭނެ ގޮތަށް ވަޒީފާ ހަމަޖައްސާފައި ތިބި ބޭބޭފުޅުން ވެސް މި ދަނީ އެއީ ބޭކާރު ވަޒީފާތަކަކަށްވާތީ އުނިކުރަމުން،"

މަސްވެރިކަމުގެ ސިނާއަތާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި: ވިދާޅުވީ މިފްކޯގައި ތިބި ބޭކާރު މުވައްޒަފުން ކަނޑައިލާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ވަޒީރު ވަނީ، މިދިޔަ ސަރުކާރުގައި ބައެއް މެންބަރުން ގާތް މީހުންނަށް ވަޒީފާ ދީގެން މަސް ކުންފުނި މިފްކޯއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި ބައެއް މެންބަރުން އެ ބޭފުޅުންގެ ގާތް މީހުން މިފްކޯގެ ވަޒީފާތަކަށް ލައިގެން، މަސްވެރިންގެ ކަންކަން މެންބަރު ބޭނުންވާ ގޮތަށް ކުރިއަށް ގެންދަން ވަނީ މަސައްކަތްކޮށްފައެވެ.

ޝިޔާމް ވިދާޅުވީ، މިފްކޯއަށް ލިބޭ އާމްދަނީއަކުން މަސްވެރިންނަށް ރަނގަޅު އެއްޗެއް ދޫނުކުރެވެނީ އެފަދަ ކަންކަން ހިންގާފައިވާތީ ކަމަށެވެ.

"މިފްކޯ މި ހާލަތަށް ދިއުމުގައި އިސް ދައުރެއް އަދާކުރީ އެކިއެކި ސަރުކާރުތަކުގައި ނުފޫޒު ގަދަ ބައެއް ފަރާތްތަކުން،" ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަސްވެރިންގެ ކަންކަން ކުރިއަށް ގެންދެވެނީ ވަކި މީހަކު ބޭނުންވީމާ ކަމަށް މަސްވެރިން ބުނާ ކަމަށެވެ. އެ ކަންކަން ބަދަލުކޮށް، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މިފްކޯ ރީފޯމްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އުޅެނީ މިފްކޯ ރީސްޓްރަކްޗާ ކުރަން. މި އުޅެނީ މިފްކޯ ރިފޯމްކުރަން،" ޝިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިފްކޯ ހަލާކުވެގެންދާން ފުރުސަތު ނުދޭނެ ކަމަށެވެ. އެހެންވެ، މިފްކޯ ރިފޯމްކޮށް، ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

comment ކޮމެންޓް