ސިދާތުގެ ފިލްމު 'ޔޯދާ'ގެ ޓްރެއިލާ މި އޮތީ

ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތްރާ ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމު "ޔޯދާ"ގެ ޓްރެއިލާ އާއްމުންނަށް ދައްކާލައިފިއެވެ.

ދަރުމާ ކުންފުނިން ގެނެސްދޭ މި އެކްޝަން ތުރިލާ ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ ކުރިއަށް އޮތް މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.

ސިދާތުގެ އިތުރުން ބޮލީވުޑްގެ ބަތަލާ ދިޝާ ޕަޓާނީ އަދި ތެލުގޫ ބަތަލާ ރާޝީ ކަންނާ މުހިއްމު ރޯލް ކުޅޭ މި ފިލްމަކީ ސާގަރު އާމްބްރޭ ޑައިރެކްޓްކޮށް ދަރުމާ ކުންފުނިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޑިޖިޓަލް ރައިޓްސް އެމޭޒަން ޕްރައިމްއަށް ދީފައިވާއިރު ފިލްމު ސްޓްރީމިންއަށް ދޫކޮށްލާނީ ފިލްމު ރިލީޒްކުރުމަށް ފަހު ތިން މަސް ވަރު ފަހުންނެވެ.

ދަރުމާ ކުންފުނިން މި އަހަރު ރިލީޒް ކުރަން ތައްޔާރުވެފައިވާ ފުރަތަމަ ފިލްމު "ޔޯދާ"އަކީ އެ ކުންފުނިން އުފެއްދި "ޝޭރްޝާހް"އަށް ފަހު ސިދާތު އެފަދަ ރޯލަކުން ފެންނާނެ ދެވަނަ ފިލްމެވެ.

ފިލްމު "ޔޯދާ"ގެ ބަތަލާއިން ކަމަށްވާ ރާޝީ ކަންނާ އަދި ދިޝާ ޕަޓާނީ-- ފޮޓޯ/އިންޓަނެޓް

ބޮލީވުޑްގެ އެންމެ އުއްމީދީ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ސިދާތު އެންމެ ފަހުން ފެނިފައިވަނީ ރޯހިތު ޝެޓީގެ އަލަތު ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"އިންނެވެ. އާއްމުންގެ ބޮޑު މަގުބޫލުކަމެއް މި ވެބް ސީރީސްއަށް ލިބުނުއިރު ބެލުންތެރިން ތިބީ މި ސީރީސްގެ ދެވަނަ ބައެއްގެ އިންތިޒާރުގައެވެ.

ދަރުމާ ކުންފުނިން ފިލްމީ ދާއިރާއަށް ނުކުތުމަށްފަހު ކެރިއަރުގައި ކާމިޔާބީތައް ހާސިލު ކުރަމުން އަންނަ ސިދާތު އަކީ ދަރުމާގެ ގިނަ ފިލްމުތަކެއްގައި މިހާތަނަށް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި ފިލްމު "ބްރަދާސް"، "ކަޕޫރު އެންޑް ސަންސް" އަދި "ބާރު ބާރު ދޭކޯ" ހިމެނެއެވެ.

comment ކޮމެންޓް